Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ގާސިމްގެ މިލްކިއްޔާތު ސަލާމަތްކުރަން އެހީތެރިވިން: ޝަހީމް

ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް ހުންނަވައިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މިލްކިއްޔާތު ސަލާމަތްކުރަން އެހީތެރިކަން ފޯރުކޮށްދިން ކަމަށް، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ސަރުކާރުން ގާސިމްގެ ވިޔަފާރިއަށް ގިނަ ދަތިތަކެއް ކުރިމަތިކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ގާސިމް ތިން އަހަރަށް ޖަލަށްލުމަށް ވެސް މިދިޔަ ސަރުކާރުގައި ހުކުމް ކޮށްފައިވެއެވެ. އެ ހުކުމާ އެކު ބޭސްފަރުވާ އަކަށް ގާސިމް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވިއިރު، އޭނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތުމާ ގުޅިގެންނެވެ.

ރޭ ވީޓީވީން ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު އެކި މަރުހަލާތަށް އަންނާނެ ކަމަށާއި ނަމަވެސް ގާސިމް ދެކެނީ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ޔާމީން ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު، އޭރު ސަރުކާރާއި ގާސިމްއާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަން ފިލުވުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެކައުންޓުތައް ފްރީޒް ކުރުމާއި މި ކަންތައްތަކުގަ، އަޅުގަނޑު ރައީސް ޔާމީން އަށް ވެސް ދެންނެވިން. އަދި ރައީސް ޔާމީން އެކަމަށް އީޖާބީ ފިޔަވަޅުތައް ވެސް އެޅުއްވި ހަގީގަތުގައި. ގާސިމް އަށް މި ހުރިހާ ކަމެއް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު އެހީތެރިކަން ދިނިން، ގާސިމް އާއި ގާސިމްގެ މިލްކިއްޔާތު ސަލާމަތްކުރަން އޭރު ވަޒީރު ކަމުގައި ހުރިއިރު" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ޔާމީންގެ ރަނިންމޭޓަކަށް ވުމާއި ގުޅިގެން ގާސިމް ހުންނެވީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ހިޔާލުތަފާތުވި ނަމަވެސް އޭނާގެ ހިތުގައި ގާސިމް އަށް އޮތް އިހުތިރާމް އަބަދުވެސް ދެމި އޮންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން މި ޕްރޮގްރާމްގައި ޝަހީމް ވަނީ ޕީޕީއެމް އިން ވަކިވެ ވަޑައިގެންނެވިކަން ވެސް ހާމަކުރައްވާފައެވެ. އަދި ސިޔާސީ ކަންކަމުން ދުރުވެ ދެން ފެނިގެންދާނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއަައިސީ) ގެ މަގާމަކުން ކަމަށާއި އެގޮތުން އެ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށް ދެ ދުވަހެއްގެ ތެރޭގައި ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.