Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ބާޓަން ކޮޅަށް ސިޓީން 9 ލަނޑު ޖަހައިފި

އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާޓަން އަލްބިއަންއާ ބައްދަލުކުރި މެޗު 9-0 ގެ ބޮޑު ތަފާތަކުން މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާއެވެ. ސިޓީގެ ދެވަނަ ގޯލު މެޗުގެ 30 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓްފަހުން ސިޓީގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ގެބްރިއަލްއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޒިންޗެންކޯ ވަނީ ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ހަތަރު ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު މެޗުގެ 57 ވަނަ މިނެޓްގައި ސިޓީގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ ގެބްރިއަލް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ސިޓީގެ ހަވަނަ ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ފިލް ފޮޑެން ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓްފަހުން އެޓީމުގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްދިނީ ގެބްރިއަލްއެވެ. އަދި ސިޓީގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ކައިލް ވޯކާގެ އިތުރުން ރިޔާދް މަހްރޭޒްއެވެ.

މިއީ އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލެއްގައި ޓީމަކުން މިހާތަނަށް ހޯދި އެންމެ ބޮޑު މޮޅުކަން ފާހަގަކޮށްލެވެއެވެ.

ބާޓަން ކޮޅަށް ސިޓީން ނުވަ ލަނޑު ޖެހިއިރު، މިދިޔަ ހަފްތާގައި އެފްއޭކަޕްގެ ތިންވަނަ ބުރުގައި ސިޓީން ވަނީ ރޮތާހަމް ކޮޅަށް ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީ އާއި ބާޓަން ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.