Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ކުރިއަށް އޮތް މަޖިލީހުގައި ވައްކަމެއް ނުކުރެވޭނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް 19 ވަނަ މަޖިލީހުގައި ވައްކަން ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނ.ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ އަހުމަދު އީސާގެ ކެމްޕެއިން ލޯންޗްކުރުމަށް މިއަދު ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެދާއިރާގެ މެމްބަރާއެކު އެމަނިކުފާނު ވެސް އެ މަޖިލީހުގައި އިންނަވާނެ ކަމަށެވެ.

"އިތުބާރު ކުރައްވާ ޔަގީން ކުރައްވާ، އެ މަޖިލީހަކު ވައްކަމެއް ނުކުރެވޭނެ. އަޅުގަނޑު ހުންނާނަން ގާތުގައި. އިތުބާރު ކުރައްވާ ގަބޫލުފުޅު ކުރައްވާ، އެ މަޖިލީހަކު ވޯޓެއް ނުވިއްކޭނެ. އަޅުގަނޑު ހުންނާނަން ގާތުގައި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަޖިލީހުގައި މެމްބަރުން ވޯޓު ދިނުމުގައި ބަރޯސާވާނީ ރައްޔިތުންގެ އުއްމީދުތަކާއި ޝަކުވާތަކާއި އެދުންތަކަށް ކަމަށެވެ. އަދި އެ މަޖިލިސް އެހެން ގޮތަކަށް ބީވެގެންނުދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ކުރިއަށް އޮތް މަޖިލީހުގައި މެމްބަރުންނަށް ޕާޓީ ވެސް ބަދަލު ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ މަޖިލީހަށް ވަދެ ހުންނާނެ ޕާޓީގެ ބޮޑު މީހާ. އަޅުގަނޑު ހުންނާނަން އެ މަޖިލީހުގައި. ތި ބޭފުޅުން ތި ބޭނުންވެލައްވާ މަޖިލިސް ހޯދައިދިނުމުގައި ވީ މިންވަރަކުން މަސައްކަތް ކުރާނަން" މައްޗަންގޯޅި މެދު ދާއިރާ އަށް ވާދަކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަރު އަޑުން ގޮވަމުންދަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ދިނުމަށް ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ނ.އަތޮޅުގެ ރައްޔިތުންނަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.