ޚަބަރު

އަދީބުގެ ބޭސްފަރުވާގެ ކަންކަން ސިޔާސީ ނުކުރަން އާއިލާއިން އެދިއްޖެ

އަހުމަދު އަދީބު - ފޮޓޯ: ނަޝްވާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ސިޔާސީ ނުކުރުމަށް، އޭނާގެ އާއިލާގެ ފަރާތުން އެދިއްޖެއެވެ.

އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން އަދީބުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ޑޮކްޓަރުގެ އިރުޝާދާއި ހިލާފަށް އަދީބު ޖަލަށް ގެންދެވިފައިވަނީ ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭ ފަދަ އިތުރު މައްސަލައެއް ފާހަގަކުރެވިފައި ނުވާތީ ކަމަށް ވިދާޅުވާއިރު، އެކަން އެގޮތަށް ނިންމީ ހޯމް މިނިސްޓަރު އަމިއްލަފުޅަށް ޑޮކްޓަރަކަށް ވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

އަދި "ގޭބަންދުކުރާ ގައިދީ އާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިގުރާރު" ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފުވެފައިވާ ކަމަށް ވިދާޅުވަމުންދާއިރު، އެފަދަ ކަމެއް ހިނގާފައިވާކަން ކަށަވަރުކުރި ގޮތެއް ހޯމް މިނިސްޓަރު ބުނެ ނުދެއްވާ ކަމަށާއި، ކޯޓު އަމުރެއް ނެތި އަދީބު ގޭ ބަންދުގައި ހުރި އިމާރާތުގެ ތެރޭގައި 24 ގަޑިއިރު ފުލުހުން ބައިތިއްބާފައިވާއިރު، އެފަދަ ކަމެއް ނުހުއްޓުވުނީ ކީއްވެތޯ ވެސް ސުވާލު އުފެދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އަދީބު ޖަލަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އެކަށީގެންވާ މާހައުލެއް ޖަލުގައި ގާއިމުކުރުމަށްފަހު ކަމަށް ވިދާޅުވާއިރު، ޑޮކްޓަރުގެ އިރުޝާދުގައި "ސްޓްރެސް ފްރީ" މާހައުލެއްގައި "ފެމިލީ ކެއާ" ގައި އަދީބު ބެހެއްޓުމަށް އަންގާފައިވާއިރު، ޖަލު ގޮޅިއެއް މިހާލަތަށް ފެތޭނެ އެއްވެސް ގޮތެއް އިންސާނީ ހަމަ ބުއްދިން ވިސްނާއިރު ނުފެންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދީބު ޖަލަށް ބަދަލުކުރެވުނީ އާއްމު އުސޫލުން ކަމަށް ވިދާޅުވާއިރު، އެހެން ސިޔާސީ ބޭފުޅުން ވެސް "ސްޓްރެސް ފްރީ" މާހައުލެއްގައި ބެހެއްޓުމަށް ޑޮކްޓަރު އިރުޝާދު ދެއްވުމުން ގެއަށް ބަދަލުކުރެވިފައިވާ ކަމަށާއި ޖަލު ގޮޅި އޭރު ސިޔާސީ ފަރާތްތަކަށް "ސްޓްރެސް ފްރީ" މާހައުލަކަށް ނުވެ، މިއަދު އަދީބަށް ޖަލު ގޮޅިއަކީ "ސްޓްރެސް ފްރީ" މާހައުލެއް ކަމަށް ހޯމް މިނިސްޓަރަށް ވިސްނުމުން ސުވާލު އުފެދޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިހާރު ވެސް އައިޖީއެމްއެޗްގައި އަދީބަށް ފަރުވާދެމުންދާއިރު، 24 ގަޑިއިރު ދެ ޖަލު އޮފިސަރުން ކޮޓަރީގައި ތިބުމުގެ އިތުރުން ކޮޓަރީގެ ބޭރުގައި ދެ ފުލުހުން ތިބޭ ކަމަށާއި ބަލީގެ ބާވަތުން އަދީބަށް ހޮސްޕިޓަލުގައި އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދެވިފައި ނުވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

މީގެއިތުރުން އަދީބުގެ އާއިލާއިން ވަނީ، އަދީބުގެ ސިއްހީ މައްސަލައިގައި ޝައިހް އިމްރާން ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ އޭނާގެ ނާގާބިލުކަމުން ހެދެމުންދާ ގޯސްތައް މަތިޖެހުމަށްޓަކައި ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމަށްވެސް ބުނެފައެވެ. އަދި އިމްރާންގެ އަމަލުތަކުން ބަދުނާމުވަމުންދަނީ ކަރެކްޝަންސް ސާވިސް ކަމަށް އަދީބުގެ އާއިލާއިން ބުނެއެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަން ސިޔާސީ ނުކޮށް، ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ބޭސްފަރުވާގެ ކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ސަރުކާރުގެ އެންމެހާ އިދާރާތަކުން ވެސް ދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.