Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ލެވަންޓޭ އަތުން ބާސާ ބަލިވެއްޖެ

ސްޕެނިޝް ކަޕްގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ލެވަންޓޭ އަތުން 1-2 އިން ބާސެލޯނާ ބަލިވެއްޖެއެވެ.

ލެވަންޓޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗަށް ބާސާ އިން ނިކުތީ ގިނަ ބަދަލުތަކާއެކުއެވެ. އެގޮތުން ރޭގެ މެޗަށް ބާސާ އިން ނެރުނު ފުރަތަމަ އެގާރައިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާއިރު، މި މެޗުގައި ލިއޮނަލް މެސީ ލުއިސް ސުއަރޭޒް ކުޅެފައެއް ނުވެއެވެ.

ލެވަންޓޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތަރުވަނަ މިނެޓްގައި އެރިކް ކަބާކޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 18 ވަނަ މިނެޓްގައި ބޯޖާ މަޔޯރަލް ވަނީ ލެވަންޓޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ބާސާ ސިއްސުވާލާފައެވެ.

މި ދެ ގޯލަށްފަހު ބާސާ އިން ކުޅުން ރަނގަޅު ކުރިއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ބާސާ އިން ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް އޭގެ އެއްވެސް ފުރުސަތެއް ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ވަނީ ހިފޭގޮތް ނުވެފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލެވަންޓޭ އިން ނިންމާލިއިރު، ދެވަނަ ހާފްގައި ލެވަންޓޭގެ ކެޕްޓަން މޮރާލޭސް އަށް ވަނީ ލީޑު އިތުރަށް ފުޅާކޮށްލަން ހުސް ފުރުސަތެއް ލިބި ބޭކާރުކޮށްލާފައެވެ. ރޭގެ މެޗުގައި ބާސާ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ.

ލެވަންޓޭ އާއި ބާސާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ. ބާސާ އަކީ ފާއިތުވި ހަތަރު އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަނުންނެވެ.