Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ރައީސްގެ އާމްދަނީ 1.5 މިލިއަން ރުފިޔާ، ނައިބު ރައީސް 1.7 މިލިއަން ރުފިޔާ

ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާމްދަނީއަކީ 1.5 މިލިއަން ރުފިޔާ ކަމަށާއި އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އާމްދަނީ އަކީ 1.7 މިލިއަން ރުފިޔާކަން މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ހަ މަސްކުރިން ރައީސް ސޯލިހު އަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ޖުމްލަ 1.532،680 ރުފިޔާ ލިބިލެއްވި އިރު އެމަނިކުފާނުގެ ދަރަންޏެއް ނެތެވެ. އަދި ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލަކީ ޅ ހިންނަވަރު ނޫރާނީ ކިޔާ ބަންޑާރަ ގޯއްޗެއް އެކަންޏެވެ.

މި މުއްދަތުގައި ނައިބު ރައީސް ފައިސަލް އަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 1،700،000 މިލިއަން ރުފިޔާ ލިބިލައްވާފައިވެއެވެ. ނައިބު ރައީސްގެ ވެސް ދަރަންޏެއް ނެތެވެ.

އެމަނިކުފާނުގެ މިލްކިއްޔާތުގައި 10،500،000 ރުފިޔާގެ އަގު ހުރި ގެއެއް އުފަން ރަށް، ފުވައްމުލަކުގައި އެބަ ހުއްޓެވެ. އަދި ހުޅުމާލޭގައި 6،200،000 ރުފިޔާގެ ފްލެޓަކާއި، 500،000 ރުފިޔާގެ ކާރަކާއި 270،000 ސައިކަލެއް ވެސް ނައިބު ރައީސްގެ މިލްކިއްޔާތުގައިވެއެވެ.

ރައީސް އޮފީހުން ބުނީ މާލީ ބަޔާން ހާމަކުރެއްވުމަކީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސް ސޯލިހު ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.