Last Updated: April 18, 11:33
Thursday, April 18, 2024
ޚަބަރު

މަޖިލިސް އިންތިހާބުގައި ޖޭޕީން ވާދަކުރާނީ 22 ދާއިރާއަކަށް: މަލީހު

މުހައްމަދު މަލީހު ޖަމާލު - ފޮޓޯ: އާކައިވް އެމްވީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނީ 22 ދާއިރާއަކަށް ކަމަށް، އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.

ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ޕާޓީން ވާދަކުރާނެ ދާއިރާތަކެއް އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.

އޮންލައިން ނޫސް އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން ކޮމިއުނިކޭން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ މަލީހު ވިދާޅުވީ ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނީ ކޯލިޝަނުގެ އެއްބަސްވުމާ އެއްގޮތަށް ކަމަށާއި އެގޮތުން އެ ޕާޓީން ކެންޑިޑޭޓުން ނެރޭނީ 22 ދާއިރާއަކަށް ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީން ހުރިހާ ދާއިރާއަކަށް ހުޅުވާލައި ނިމޭއިރު، ނަންގަވާނީ 22 ދާއިރާއަކަށް ކެންޑިޑޭޓުން. އެއީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދިޔުމަށްޓަކާ" މަލީހު ވިދާޅުވިއެވެ.

ކޯލިޝަން އެއްބަސްވުމުގައިވާ ގޮތަށް ޕާޓީތަކުން ގޮނޑިތައް ބަހައިގެން އިންތިހާބަށް ނިކުމެއްޖެނަމަ ކޯލިޝަނަށް މަޖިލީހުގެ ސާފު މެޖޯރިޓީ ލިބޭނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި ފަސް އަހަރުގެ ދައުރަކަށް ކޯލިޝަނުގެ ވަރަށް ވަރުގަދަ އެއްބަސްވުންތަކެއް އެބަހުރި ކަމަށާއި އެއާ އެއްގޮތަށް ދާކަމަށްވާނަމަ ކޯލިޝަނުގެ ތެރެއިން ވެސް ސަރުކާރު ޒިންމާދާރު ކުރެވޭނެ ކަމަށް މަލީހު ވިދާޅުވިއެވެ.

ގޮނޑިތައް ބެހުމުގެ މައްސަލާގައި ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް މިވަގުތު ހުރި ނަމަވެސް ކޯލިޝަނަށް އެއްބަސްވުމަކަށް އާދެވި، ހުރިހާ ޕާޓީތަކުން ވެސް ކޯލިޝަނުގެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މީގެއިތުރުން މަލީހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީން ނެރޭ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި މާބޮޑު ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.