Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާނަން: މިނިސްޓަރު

މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮން ޖެހުންތަކާއި ދަތިތައް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު ވަނީ މިނިސްޓަރަށް ވިދާޅުވެފައެވެ. އަދި ކައުންސިލުން އައްޑޫ ޓުއަރިސްޓް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް މޭޔަރ މިނިސްޓަރަށް ދެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމިނިސްޓްރީން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައެވެ. އެގޮތުން އިންޑިއާގެ މާކެޓްތަކަށް އައްޑޫ ޕްރޮމޯޓް ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށާއި، އިންޑިއާ އަށް ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅުގައި ކައުންސިލުން ބައިވެރިވުމުގެ ފުރުސަތު ދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ އިންޓަރނޭޝަން އެއަރޕޯޓްގެ އެރައިވަލް އިން ފަތުރުވެރިންނަށް ލިބެން ހުންނަ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރައްވަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުގެ ތެރެއިން ބާރު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫއިން ޓޫރިޒަމް ވިޔަފާރީގެ ބޭނުންތަކަށާއި ގެސްޓްހައުސް ގެ ވިޔަފާރިތަކަށް ބިން ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ ތެރެއިން ކުރައްވަން މިހާރު ފަށްޓަވާފައިވާ ކަމަށާއި، ހަންކެޑަ ތަރައްޤީކުރުން މިހާރު ހުއްޓިފައި އޮތަސް އެމަސައްކަތް މި މަސް ނިމުމުގެ ކުރިން ކޮޅެއްގައި ޖައްސަވާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ކައުންސިލަށް ދެއްވާފައެވެ.

އަދި އައްޑޫގެ ރިސޯޓްތަކުގެ ބައުންޑަރީސް އާއި ގުޅޭގޮތުން މިހާރު ޚިޔާލު ތަފާތުވާ ވާހަކަ ކައުންސިލުން މިނިސްޓަރަށް ދެންނެވުމުން ވިދާޅުވީ، އެމަސައްކަތްވެސް ކުރިއަށް އޮތް ހަފުތާގައި ހައްލުކޮށްދެއްވާނެ ކަމުގައެވެ. އައްޑުއަށް އަންނަ ބައެއް ސަފާރީ ތަކުންނާއި ޔޮޓްތަކުން އަމަލުކުރާގޮތުން ޑައިވިންގ ސައިޓްތަކަށާއި، އައްޑޫގެ ތިމާވެށްޓަށް ބައެއް ކަހަލަ ނޭދެވޭ އަސަރު ކުރިކަމުގައި ވިއަސް އެކަން ކައުންސިލަށް މޮނިޓަރ ކުރެވޭން ނޯންނަ ކަމަށާއި އެހެން އެކަން ދިމާވަނީ މިފަދަ އުޅަނދުތަކުގެ މައުލުމާތު ކައުންސިލަށް ނުލިބި އޮންނާތީ ކަމުގައި މޭޔަރ ފާހަގަކުރެއްވުމުން މިނިސްޓަރ ވަނީ، އައްޑުއަށް އަންނަ އެފަދަ އުޅަނދުތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ކައުންސިލާ ހިއްސާ ކުރައްވާ ގޮތަށް ހަމަޖައްސަވާނެ ކަމުގައެވެ.

އަދި ގެސްޓް ހައުސްތަކާއި ރިސޯޓްތައް ކައުންސިލް މެދުވެރިވެގެން  ޗެކް ކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އައްޑޫސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ޕްލޭންތައް ބެއްލެވި ކަމަށާއި ވަރަށް ފުރިހަމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކައުންސިލުން ތައްޔާރުކޮށްފައިވާ ބުކްލެޓާއި މެޕް އެކިއެކި ފެއަރތަކުގައި އެމްއެމްޕީއާރުސީން ބައިވެރިވާއިރު އައްޑޫ ޕްރޮމޯޓްކުރުމުގެ ގޮތުން ބޭނުންކުރެވިދާނެ ކަމުގައި ވެސް އަލީ ވަހީދު ވިދާޅުވިއެވެ.