Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ހިންނަވަރާއި ނައިފަރު ގުޅާލުމަކީ އަމާޒެއް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

ޅ. އަތޮޅު ނައިފަރާއި ހިންނަވަރު ގުޅާލުމަކީ އަމާޒެއް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހިންނަވަރުގައި މިރޭ ކުރިއަށްދިޔަ ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ހިންނަވަރާއި އަދި ފާދިއްޕޮޅަށް ވެސް އެމްޑީޕީގެ ތަސައްވަރެއް އެބައޮތް ކަމަށާއި އެގޮތުން ހިންނަވަރާއި ނައިފަރު ގުޅާލުމަކީ އޭގެތެރެއިން ކުރަން ބޭނުންވާ އެއް ކަންތައް ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އެއީ ފެލިވަރާއި، މަޑިވަރާއި އަދި ނައިފަރާއި، އެތަނުން މަގެއްގައި މި ހުރިހާ ރަށް ހިންނަވަރާއި ގުޅުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަމާޒު މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ވެގެންދާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނައިފަރާއި ހިންނަވަރު ގުޅާލުމަކީ ކުރެވޭވަރު ކަމަކަށްވާނަމަ އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި އިވެންޓުގައި އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ފާދިއްޕޮޅުގެ ރަށްތަކުގައި ހިންގާ ރަށްވެހިކަމުގެ ހުރިހާ މަޝްރޫއުތަކެއް ވެސް ހިންގަންވާނީ ލާމަރުކަޒީ ނިޒާމުން ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަތޮޅަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފައިދާކުރާނެ އަތޮޅަކަށް ވާންޖެހޭ ކަމަށާއި ރައްޔިތުން ހާލުގައި ތިބެ ދެން އެ އަތޮޅުގައި ހިންގަންޖެހޭ އިގްތިސާދީ ހަރަކާތެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވަނީ ރިސޯޓުތަކަށް ފެރީގެ ހިދުމަތް ވެސް ފޯރުކޮށްދެވެން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސިނާއީ ތަންތަން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ 1800 އަހަރުތަކުގައި އެހެން ގައުމުތަކުގައި އެކަންކަން ކުރަމުންދިޔަ ގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ތަންތަނަށް ފެރީގެ ހިދުމަތް ބަރާބަރަށް އޮންނަންޖެހޭނެ. އެ ފެރީތައް މެދުވެރިކޮށް ކޮންމެ ރެޔަކު ވެސް ފިރިމީހާ ރަށަށް ލައިދޭންޖެހޭނެ. އިރާދަކުރެއްވިއްޔާ މަޖިލިސް 19 ވެގެންދާނީ ތިޔަބޭފުޅުންގެ ފިރިން ތިބޭފުޅުންގެ އާއިލާއާ އެކީގައި ނިދާނެ ވިސްނުމެއް، ނިދާނެ އުސޫލުތަކެއް މި ރާއްޖެ އަށް ތައާރަފް ވެގެންދާނެ މަޖިލީހަކަށް" ނަޝީދު ވިދާޅުވިއެވެ.

އަދި ބަނޑަހަ ޖަހައިގެން ދަނޑުވެރިކަމާއި މަސްވެރިކަން ކުރަން އުޅުނު އުސޫލުގައި ދެން ތިބެވެން ނެތް ކަމަށާއި ރައްޔިތުންގެ ދިރިއުޅުން ހާސްކަމެއް ނެތް ދިރިއުޅުމަކަށް ބަދަލުކޮށްދިނުމަކީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވާޖިބެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.