Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ފެބްރިގާސް މޮނާކޯ އަށް ބަދަލުވެއްޖެ

ސެސްކް ފެބްރިގާސް - ފޮޓޯ: މޮނާކޯ

ޗެލްސީ އަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ސެސްކް ފެބްރިގާސް މޮނާކޯ އަށް ބަދަލުވެއްޖެއެވެ.

ތިއެރީ އޮންރީ ކޯޗުކޮށްދެމުން އަންނަ މޮނާކޯ އަށް ފެބްރިގާސް ބަދަލުވެފައިވަނީ ތިން އަހަރާއި ބައިގެ މުއްދަތަކަށެވެ.

އުމުރުން 31 އަހަރުގެ ފެބްރިގާސް ޗެލްސީ ދޫކޮށްލިއިރު މި ސީޒަނުގައި އޭނާ އަށް ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން އެއްކޮށް ގެއްލިފައެވެ. ފެބްރިގާސް ކުޅެމުން އަންނަ މަގާމަށް މިހާރު ކުޅެމުންދާ ކުޅުންތެރިއަކީ ޖޯޖީނިއޯއެވެ.

މޮނާކޯ އަށް ބަދަލުވުމަށްފަހު ފެބްރިގާސް ބުނީ މިއީ އޭނާއަށް މުޅިން އާ ޕްރޮޖެކްޓެއް ކަމަށާއި މޮނާކޯގައި ތިބީ ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި އަދި ޒުވާން ކޯޗެއް ކަމަށެވެ. އަދި އޭނާ މޮނާކޯ އަށް އެއީ އެ ފަރާތްތަކަށް އެހީތެރިވުމުގެ ބޭނުމުގައި ކަމަށްވެސް ފެބްރިގާސް ބުންޏެވެ.

"އާދީއްތަ ދުވަހު އަހަރުމެންނަށް މިއޮތީ ވަރުގަދަ މެޗެއް. އަހަރެން މިހުރީ އެ މެޗަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައި" ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރު ކަމަށްވާއިރު، އޭނާ ވަނީ އެޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީ، އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި އެފްއޭކަޕަކާއި އިނގިރޭސި ލީގު ކަޕެއް ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ފެބްރިގާސް މޮނާކޯ އަށް ބަދަލުވިއިރު، އެޓީމު މިވަގުތު އޮތީ ފްރެންޗް ލީގުގެ 18 ވަނައިގައެވެ.