Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އޭޝިއަން ކަޕް: ދެކުނު ކޮރެޔާ އާއި ޗައިނާ ދެވަނަ ބުރަށް

ގޯލަކަށްފަހު ޗައިނާ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ދެކުނު ކޮރެޔާ އާއި ޗައިނާ ޖާގަ ހޯދައިފިއެވެ.

ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރިއިރު، ދެ ޓީމަށް ވެސް ކުޅުނު ދެ މެޗުން ވަނީ ހަ ޕޮއިންޓު ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ހޯދައިގެން ގްރޫޕްގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ދެވަނައިގައި ދެކުނު ކޮރެޔާ އޮތްއިރު، މި ގްރޫޕްގައި ދެން ހިމެނޭ ކްރިގިސްތާން އާއި ފިލިޕީންސް އަށް ދެ މެޗުން ވެސް ޕޮއިންޓެއް ނުލިބި ވަނީ މުބާރާތުން ކަޓާފައެވެ.

މި ގްރޫޕްގެ އެއްވަނަ ލިބޭ ޓީމެއް އިނގޭނީ އަންނަ ބުދަ ދުވަހު ޗައިނާ އާއި ދެކުނު ކޮރެޔާ ބައްދަލުކުރާ މެޗަށްފަހުއެވެ.

މުބާރާތުގެ ދެވަނަ ބުރުން ޗައިނާ އިއްޔެ ޖާގަ ހޯދީ ފިލިޕީންސްއާ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްގެންނެވެ. ޗައިނާ އިން ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކިއިރު، އެޓީމުގެ ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށްދިނީ ވޫ ލެއިއެވެ. އަދި އެޓީމުގެ ފަހު ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔޫ ޑަބާއޯއެވެ.

ދެކުނު ކޮރެޔާ މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރީ ރޭ ކްރިގިސްތާނާ ބައްދަލުކުރި މެޗު އުނދަގޫތަކަކަށްފަހު 1-0 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ކޮރެޔާ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 41 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިމް މިންޖޭއެވެ.

ދެކުނު ކޮރެޔާ އިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދަތުރުކުރިއިރު، އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހެއުންގް މިން ސޮން އެޓީމާ އަދި ގުޅިފައެއް ނުވެއެވެ. ނަމަވެސް މާދަމާ ރޭ ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމް އިން ކުޅޭ މެޗަށްފަހު އޭނާ ކޮރެޔާ ޓީމާ ގުޅޭނެއެވެ.

ޗައިނާ އާއި ދެކުނު ކޮރެޔާގެ އިތުރުން މުބާރާތުގެ ދެވަނަ ބުރަށް ޖޯޑަން ވެސް ވަނީ ދަތުރުކޮށްފައެވެ.