Last Updated: April 20, 10:23
Saturday, April 20, 2024
ޚަބަރު

ހުޅުމާލޭގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލެ ހޮސްޕިޓަލް، ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލޭގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 27 އަހަރުގެ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮތް އަންހެނަކު ރޭ 9:30 ހާއިރު، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނައިކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ދީފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މަރުވި އަންހެން މީހާގެ ކަށުނަމާދު މިއަދުގެ މަޣުރިބު ނަމާދަށްފަހު ހުޅުމާލެ ވަގުތީ މިސްކިތުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.