Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

ފަސް އަހަރުތެރޭ 40،000 ވަޒީފާ އުފެއްދުމަށް މަސައްކަތް ކުރަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް، ފޮޓޯ: ރާއްޖެއެމްވީ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ 40،000 ވަޒީފާ އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވައުދުވި ގޮތަށް 96،000 ވަޒީފާ އުފެއްދިދާނެ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ފަސް އަހަރުތެރޭ 30،000 ނުވަތަ 40،000 ވަޒީފާ އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ. މީގެތެރޭގައި ހާއްސަކޮށް ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ ކޮލެޖުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ސަރުކާރަށް ބޭނުންވޭ. އަޅުގަނޑުމެން ކަނޑައަޅާ ދާއިރާތަކަކުން ޕްރައިވެޓް ކޮލެޖުތަކުގެ ހަޔާ އެޑިއުކޭޝަން ބައިގެ އިތުރުން ޓެކްނިކަލް ދާއިރާގެ ތަމްރީނު ލިބިގެން އިންޑަސްޓްރީ އަށް ނެރެން ބޭނުންވާ ބައިވަރު ދާއިރާތައް އެބަހުރި" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖެ އަށް ބިދޭސީން ނުގެނައުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ރާއްޖޭގެ އިގުތިސާދު ކުރިއަށްދާނަމަ ބިދޭސީ މަސައްކަތްތަކުގައި ގެންގުޅެން ޖެހޭނެ ކަމަށެވެ. އަދި ބިދޭސީން ތިބުމުގެ ސަބަބުން ފައިދާތަކެއް ލިބޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ އަދި އެ ގާބިލުކަން ހުރި ފަރާތްތަކަށް ވަޒީފާ ލިބޭނެ ގޮތެއް ހެދުމަށް ކަމަށާއި މިފަދަ ކަންކަން ހައްލު ކުރުމަށް ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ޒާތީ ބޭނުންތަކުގައި ވިޔަފާރިތަކަށް ގޯނާ ކުރުމަކީ ސަރުކާރުގެ މަގުސަދެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ބަލާނީ އިދިކޮޅު ފަރާތްތަކަށް ވެސް އެހީތެރިވެގެން ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.