Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

މުންދު ޕީޕީއެމުން ވަކިވެ، ޕީއެންސީ އަށް ސޮއިކުރައްވައިފި

ޕީޕީއެމް އިން ވަކިވެ ވަޑައިގެންނެވުމަށްފަހު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ސޮއިކުރައްވައިފިއެވެ.

މުންދު ޕީޕީއެމުން ވަކިވެ ވަޑައިގެންނެވިއިރު އޭނާ މިހާތަނަށް ހުންނެވީ އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ.

މުންދުގެ އިތުރުން ޔާމީން ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންނާއި ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވެސް ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފައެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ މިދިޔަ މަހުގެ ފަހުކޮޅު އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، މިދިޔަ ބުދަ ދުވަހު ޕީއެންސީން ވަނީ އެ ޕާޓީ ރަޖިސްޓްރީކޮށްދިނުމަށް އެދި 4000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ނަމަވެސް ޕީއެންސީން ހުށަހެޅި ފޯމުތަކެއްގައި މައްސަލަތަކެއް ހުރި ކަމުގެ ޝަކުވާ ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.

ޕާޓީއެއް ރަޖިސްޓްރީކޮށް ދެނީ 3،000 މެމްބަރުންގެެ ފޯމާ އެކު ހުށަހެޅުމުން ޕާޓީ އުފެއްދުމުގެ ޖަލްސާއަށް ފަހުއެވެ.

އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރީގެ ރައީސް ޔާމީން ފެއްޓެއްވީ ޕީޕީއެމްގެ ލީޑަޝިޕާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަ ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕާއި ދެކޮޅަށް ނިމިދާނެ ކަމަށް ބެލެވޭތީއެވެ