Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

80 ދާއިރާއަށް ވާދަކުރުމަށް 180 މީހުން ކުރިމަތިލާފައިވޭ: އެމްއާރްއެމް

މައުމޫން އަބްދުލްގައްޔޫމް

ކުރިއަށް އޮތް ރައްޔިތުންގެެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު 80 ދާއިރާއަށް ވާދަކުރުމަށް 180 މީހުން ކުރިމަތިލާފައިވާ މައުމޫން ރިފޯމް މޫވްމެންޓު (އެމްއާރްއެމް) ބުނެފިއެވެ.

އެމްއާރްއެމްގައި އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިމަތިލާފައިވާ ފަރާތްތަކާއި އިންޓަވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި 80 ދާއިރާ އަށް މީހުން ކުރިމަތިލާފައިވީ ނަމަވެސް ކަންތައްތައް ދިމާވާގޮތުން 17 ދާއިރާއަަށް ވާދަކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދަންނަވަމުން މި އަންނަނީ ސަރުކާރު ކޯލިޝަންގައި އެމްއާރުއެމް ހިމެނޭކަން. އަދި ފަހަރުގައިވާ ގޮތުން ނުކުމެވޭނީ 17 ދާއިރާ އަށް ކަން ވެސް" އަލީމު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މިހާރު އޮތް ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ މައުމޫން ކޮޅަށް ނިންމައިފިނަމަ، ކެންޑިޑޭޓުން ނުކުންނާނީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށާއި ނަމަވެސް ޕާޓީ އަނބުރާ ނުލިބިއްޖެނަމަ ނުކުންނާނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ކަމަށް ވެސް އަލީމު ވިދާޅުވިއެވެ.

އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

މަޖިލީހުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ސަރުކާރު ކޯލިޝަނުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭއިރު، ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.