Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ވަކި މީހަކަށް އަމާޒުކޮށް ގާނޫނު ހަދަން ތާއީދެއް ނުކުރަން: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ވަކި މީހަކަށް އަމާޒުކޮށް ގާނޫނު ހަދަން ތާއީދު ނުކުރައްވާ ކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިމިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުން މަޖިލީހަށް ވާދަނުކުރެވޭ ގޮތަށް މަޖިލީހަށް އިސްލާހެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.

މިކަމާ ގުޅިގެން ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި މީހަކަށް އަމާޒުކޮށް ގާނޫނު ހަދަން ތާއީދު ނުކުރައްވާ ކަމަށާއި އެ އިސްލާހާއި ދެކޮޅަށް ޕާޓީތަކުން މަސައްކަތްކުރާތަން ފެނުމަކީ އުފާވާ ކަމެއް ކަމަށެވެ. އަދި ވަކި މީހަކާއި ޖެހުމުން އުސޫލުތައް އެއްކިބާކޮށްގެން ނުވާނެކަމަށާއި، މިފަދަ އުސޫލުތަކުގައި ހިފަހައްޓަންޖެހޭނީ ވަކި މީހަކަށް ވާތީ ނޫން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެމްބަރު މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ. ނަޝީދު ވާދަކުރައްވަން ނިންމަވާފައިވަނީ މައްޗަންގޯޅީ މެދު ދާއިރާ އަށެވެ.

މި އިސްލާހާއި ގުޅިގެން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވަނީ އެ އިސްލާހު އަނބުރާ ނެގުމަށް އޭނާ އަށް އަންގާފައެވެ. ނަމަވެސް އަދި މިހާތަނަށް އެ އިސްލާހު އޭނާ އަނބުރާ ގެންދަވާފައެއް ނުވެއެވެ.

މަޖިލިސް އިންތިހާބުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވެސް ވާދަކުރައްވަން ނިންމަވާފައިވާއިރު، ކުރީގެ ސަރުކާރުތަކުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން ވެސް މަޖިލީހަށް ކުރިމަލައްވާނެކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.