Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކުރިއަށް އޮތް މަޖިލިސް ވެގެންދާނީ އެމްޑީޕީގެ މަޖިލީހަކަށް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރިއަށް އޮތް މަޖިލިސް ވެގެންދާނީ އެމްޑީޕީގެ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ މާލޭގައި ކުރިއަށްދިޔަ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލިސް 19 އަކީ ރާއްޖޭގެ ތަރައްގީ އާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އޮތް ވަސީލަތެއް ކަމަށާއި އެމްޑީޕީ ފިޔަވައި މި މަސައްކަތް އެހެން ޕާޓީއަކަށް ނުކުރެވޭނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ މަސައްކަތެއް. އަޅުގަނޑުމެން ބިނާކުރަމުން، ދަސްކުރަމުން، ކިޔައިދެމުން، އޮޅުންފިލުވައިދެމުން އަންނަ އެމްޑީޕީގެ މަސައްކަތެއް. ރާއްޖޭގެ ރައްޔިތުންނަށް އިނގޭ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު މި ޕާޓީ އަށް ނުދިނުމުން ދެން ކަންދިމާވި ގޮތް. ރާއްޖޭގެ ރައްޔިތުންނަށް އިނގޭ 2014 ވަނަ އަހަރު ވެސް އެކަން ވީގޮތް. މިއަދު ރާއްޖޭގެ ރައްޔިތުން ތިބީ ހޭލާ" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ތިބީ އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމަށް ކަމަށާއި، "އިދާރަކުރެއްވިއްޔާ މަޖިލިސް 19 ވެގެންދާނީ އެމްޑީޕީގެ މަޖިލީހަކަށް" ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މިރޭގެ ޖަލްސާގައި ވެސް ނަޝީދު ވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

"ތިބޭފުޅުން ބައްލަވަން ތިއްބަވާ އޭޕްރީލް ހަވަނަ ދުވަހު، ދާއިރާއަކަށްފަހު ދާއިރާއެއް، ރީނދޫ ވަމުން، ރީނދޫ ވަމުން ދާނެ. އެރޭ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް އަތުރާފައި ހުރި ގޮތް ފެންނަމުންދާނެ. އެ ގޮނޑިތައް ވެސް އިރާދަކުރެއްވިއްޔާ ދާނީ ރީނދޫ ވަމުން" ނަޝީދު ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށެވެ. އަދި އެ ހަރަކާތުގައި ވޯޓު ދިނުމުގެ ހައްގު 86،000 މީހުންނަށް ލިބިދީފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ނަޝީދު ވިދާޅުވީ އެކަމުން އެނގިގެންދަނީ އެ ޕާޓީގެ ފިކުރާއި، އެ ޕާޓީގެ ހިޔާލަށް އަދި އެ ޕާޓީން ދައްކާ ވާހަކަތަކަށް، މީހުން އިޖާބަދޭ މިންވަރު ކަމަށެވެ.