Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ހިގުއައިން ޗެލްސީ އަށް ބަދަލުވުމާ ގާތަށް

ގޮންޒާލޯ ހިގުއައިން

އޭސީ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ޗެލްސީ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އުމުރުން 31 އަހަރުގެ ހިގުއައިން މިލާނަށް ބަދަލުވީ ޔުވެންޓަސް އިން ލޯނެއްގެ ދަށުންނެވެ. އެ ލޯނުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާގޮތަށް އޮތްއިރު، އެ ލޯނު މެދުކަނޑާލުމަށްފަހު އެ ކްލަބު ދޫކޮށްލަން ހިގުއައިން މިހާރު ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީގެ ރިޕޯޓުތައް ބުނާގޮތުން ހިގުއައިންގެ ޓްރާންސްފާއާ މެދު ޗެލްސީއާ ޔުވެންޓަސްއާ ދެމެދު އިއްޔެގެ ވަގުތެއްގައި ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ހިގުއައިން ވެސް ޗެލްސީ އަށް ބަދަލުވާނީ ޔުވެންޓަސްގެ ލޯނެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް ކަމަށާއި، އަދި މި ސީޒަން ނިމުމުން ލޯނުގެ މުއްދަތު އެއް އަހަރަށް އިތުރުކުރުމުގެ ފުރުސަތު ވެސް ޗެލްސީ އަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ހިގުއައިންގެ ޓްރާންސްފާ މުޅިން ފުރިހަމަވާނީ މިލާނަށް އޭނާގެ ބަދަލުގައި އިތުރު ކުޅުންތެރިއަކު ގެނެވުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ހިގުއައިންގެ ބަދަލުގައި މިލާނުން އަންނަނީ ޖެނޮއާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ޕިއާޓެކް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ހިގުއައިން ޗެލްސީ އަށް އަތުވެއްޖެނަމަ ލޯނެއްގެ ދަށުން އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވަރޯ މޮރާޓާ އެހެން ކްލަބަކަށް ފޮނުވާލާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މޮރާޓާ ގެންނަން މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އެތްލެޓިކޯ މެޑްރިޑުންނެވެ.

ހިގުއައިން ގެންނަން ޗެލްސީން މަސައްކަތް ކުރާއިރު، މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އޭނާ ގެންނަން ޗެލްސީން މަސައްކަތް ކޮށްފައިވެއެވެ. ހިގުއައިން އަކީ ޗެލްސީގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީ އާއެކު ނަޕޯލީގައި މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެކެވެ. ހިގުއައިންގެ އެންމެ މޮޅު ކުޅުން ވެސް ފެނިގެން ގޮސްފައިވަނީ އެ ކްލަބަށް ކުޅުނު ދުވަސްވަރުއެވެ.