Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ބީއެމްއެލްގެ މުވައްޒަފު ހިޔާނާތްތެރިވީ 4.9 މިލިއަން ރުފިޔާ އަށް!

ބީއެމްއެލް ހެޑް އޮފީސް - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާނާތްވީ 4.9 މިލިއަނެއްހާ ރުފިޔާއަށް ކަމަށާއި އެ ބޭންކުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ބޭންކްގެ އިންޓާނަލް އޮޑިޓުން މައްސަލަ ބެލިއިރު އެތެރޭގެ އެކައުންޓްތަކުގެ މުއާމަލާތްކުރަން އެ ބޭންކުގެ ފިރިހެން މުވައްޒަފަކަށް ދިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އަދި ބޭންކުގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް އޭނާ ބޭނުންކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިހާރުވަނީ ހުށަހެޅިފައެވެ،" ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

4.9 މިލިއަނެއްހާ ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވާއިރު، މީގެ ކުރިން ބައެއް މީޑިޔާތަކުން ވަނީ ބޭންކުގައި މަސައްކަތް ކުރާ ދެމަފިރިއަކު 10 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.