Last Updated: April 25, 17:59
Thursday, April 25, 2024
ކުޅިވަރު

ޗައިނާ އާއި ވިއެޓްނާމް އަދި އީރާން ކުއާޓާ އަށް

މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ޗައިނާ އާއި ވިއެޓްނާމް އަދި އީރާން ދަތުރުކޮށްފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާ އަށް ޗައިނާ ދަތުރުކުރީ ތައިލޭންޑްގެ މައްޗަށް 1-2 އިން ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ތައިލޭންޑުންނެވެ. އެގޮތުން މި ގޯލު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސުޕަޗާއިއެވެ. ނަމަވެސް މެޗުގެ 67 ވަނަ މިނެޓްގައި ޗިއާއޯ ޒީ ވަނީ ޗައިނާ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ޗައިނާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ ގައޯ ލިން ވަނީ އެޓީމަށް މެޗުގެ ލީޑު ނަގާދީފައެވެ.

މެޗުގެ ފަހު މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ތައިލޭންޑަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ. މުބާރާތުގެ ކުއާޓާ އަށް ޗައިނާ ދަތުރުކުރިއިރު އެޓީމަށް ކޯޗުކޮށް ދެމުން އަންނަނީ 2006 ވަނަ އަހަރު އިޓަލީ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މާސެލޯ ލިއްޕީއެވެ.

ޕޯޗުގަލްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ކާލޯސް ކުއިރޯޒް ކޯޗުކޮށް ދެމުން އަންނަ އީރާން މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރީ އޮމާންއާ ބައްދަލުކޮށް 2-0 އިން ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގައި އީރާންގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޖަހަންބަހްޝް އާއި ޑެޖާގާއެވެ. މި ދެ ގޯލަށްފަހު މެޗުގެ ފަހުކޮޅު ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް އީރާން އަށް ލިބިފައިވެއެވެ.

މީގެއިތުރުން ވިއެޓްނާމް ކުއާޓާފައިނަލަށް ދަތުރުކުރީ ޖޯޑަންއާ ބައްދަލުކޮށް ޕެނަލްޓީގައި 2-4 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ. ޕެނަލްޓީގައި ޖޯޑަން އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އެއް ޕެނަލްޓީ ވިއެޓްނާމްގެ ކީޕަރު ވެސް ވަނީ ދިފާއުކޮށްފައެވެ.

ވިއެޓްނާމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ އެންމެ ޕެނަލްޓީއެއް ކަމަށްވާއިރު މި މެޗުން އެޓީމު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބުލް ޓިއެންޑަންގްއެވެ.

މުބާރާތުގެ ކުއާޓާގައި އީރާން އާއި ޗައިނާ ބައްދަލުކުރަން ޖެހޭއިރު، ވިއެޓްނާމް ނިކުންނާނީ ސައުދީ އަރަބިއްޔާ އާއި ޖަޕާން ބައްދަލުކުރާ ދެވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާއެވެ.