Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ސުއޫދުގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ނިންމައިފި

ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު - ފޮޓޯ: ވީނިއުސް

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަދެއްކެވި ކަމަށް ބުނެ، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވަނީ ކުރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމާއި، ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާވާފައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ފަނޑިޔާރުންގެ ސެކިއުރިޓީންނަށް ވެސް ބައެއް ގޭންގުތަށް ބޭނުންކޮށްފައި އެބަހުރި ކަމަށާއި އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް ގޭންގުތަކުގެ ނުފޫޒު އޮންނަ ކަމަށާއި މި ކަންކަމާ ގުޅިގެން ކޯޓުތަކަށް އިތުބާރެއް ނެތް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ސުއޫދުގެ މި ވާހަކަތަކަކީ ކްރިމިނަލް ކޯޓުގެ ހުރުމަތާއި، ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

އެހެންކަމުން "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު" ގެ ފަސްވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަމްބަރުގެ ދަށުން، ކޯޓުގެ ހުރުމަތްކެނޑި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލުމަށް ކްރިިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

އަދި މި މައްސަލަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއް އެކުލަވާލާފައިވާ ކަމަށާއި، މި މައްސަލައިގެ އިޖުރާއީ އަޑުއެހުން މާދަމާ މެންދުރު 14:00 ގައި އޮންނާނެ ކަމަށްވެސް އެ ކޯޓުން ބުނެފައިވެއެވެ.