Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ކެވިން ޕްރިންސް ބޯޓެން ބާސާ އަށް ބަދަލުވަނީ

ކެވިން ޕްރިންސް ބޯޓެން

އިޓާލިއަން ލީގުގެ ކްލަބެއް ކަމަށްވާ ސަސުއޯލޯ އަށް ކުޅެމުން އަންނަ ގާނާގެ ފޯވާޑް ކެވިން ޕްރިންސް ބޯޓެން ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިން އަދި އިޓަލީގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 31 އަހަރުގެ ބޯޓެން ބާސާ އަށް ބަދަލުވަނީ ލޯނެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. އަދި މި ސީޒަން ނިމުމުން ހަ މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ ފުރުސަތު ވެސް ބާސާ އަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެކުރިން އޭސީ މިލާނަށް ވެސް ކުޅެފައިވާ ބޯޓެން މި ޓްރާންސްފާ ފުރިހަމަ ކުރުމަށް މިއަދުގެ ވަގުތެއްގައި ސްޕެއިން އަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޯޓެން ބާސާ އަށް ގެންނަނީ އެޓީމުގެ ފޯވާޑްލައިން އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށްވާއިރު، އެޓީމުގެ ފޯވާޑުގެ މަގާމަށް މިވަގުތު ކުޅެން ހުރި ހަމައެކަނި ކުޅުންތެރިއަކީ ލުއިސް ސުއަރޭޒްއެވެ. މީގެކުރިން އެ މަގާމަށް ކުޅެން މުނީރު އަލް ހަދާދީ ހުރި ނަމަވެސް ދާދިފަހުން ބާސާ އިން ވަނީ އޭނާ ސެވިއްޔާ އަށް ވިއްކާލާފައެވެ.

ބޯޓެން ގެނައުމުގެ ކުރިން ފޯވާޑްލައިން އިތުރަށް ވަރުގަދަކުރުމަށް ތަފާތު އެކި ކުޅުންތެރިންނަށް ބާސާ އިން ބަލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެތެރޭގައި ޗެލްސީ އަށް ކުޅެމުން އަންނަ އަލްވަރޯ މޮރާޓާ އާއި ޖިރޯނާއަށް ކުޅެމުން އަންނަ ކްރިސްޓިއަން ސްޓުއާނީ މެންފަދަ ކުޅުންތެރިން ހިމެނެއެވެ.

ބޯޓެން އަކީ އާއްމުކޮށް ވިންގަށް އަދި މެދުތެރެއަށް ކުޅޭ ކުޅުންތެރިއަކަށްވީ ނަމަވެސް ސަސުއޯލޯގައި އޭނާ ކުޅެފައިވަނީ ފޯވާޑުގެ މަގާމަށެވެ. ސަސުއޯލޯ އަށް ބޯޓެން ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ކަމަށްވާއިރު، އޭނާ ވަނީ އެޓީމަށް ކުޅެދިން 15 މެޗުގައި ފަސް ގޯލު ކާމިޔާބުކޮށްފައެވެ.