Last Updated: April 24, 12:00
Wednesday, April 24, 2024
ޚަބަރު

ވައުދުތައް ފުއްދުމަށް އެހީތެރިކަން ފޯރުކޮށްދޭނަން: ވޯލްޑް ބޭންކު

ވަފުދުގެ ބޭފުޅުން ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ) ގެ ވަފުދުގައި ވޯލްޑް ބޭންކްގެ ދެކުނު އޭޝިޔާ ސަރަހައްދުގެ ނައިބު ރައީސް ހަރޓްވިގް ޝަފަޔާއާއި، އައި.އެފް.ސީގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސް ނޭނާ ސޮއިލްޖޮވިކް ހިމެނިވަޑައިގަންނަވާއިރު، މި ބޭފުޅުން މިއަދު ހަވީރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކްގެ ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުން ގެންގުޅުއްވާ ޒަމާނީ ހިންގުމުގެ އުސޫލުތަކަށާއި، ތަރައްޤީގެ ޕްލޭންތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގަ އާއި ވަޢުދުތައް ފުއްދުމުގައި ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން، މާލީގޮތުންނާއި ފަންނީ ރޮނގުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖޭގެ ބޭންކިން ނިޒާމު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، ވަޒީފާ އުފެއްދުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަށް ހިންގުމަށާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ސަރުކާރުގެ ލާމަރުކަޒީ އެޖެންޑާ ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވަފުދުގެ އިސްވެރިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކުގެ ވާހަކަ ވޯލްޑް ބޭންކާއި އައި.އެފް.ސީގެ އިސް ބޭފުޅުންގެ ވަފުދުގެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ މާލިއްޔަތު ބަލައްހައްޓަމުންދާ ގޮތާއި އެސެޓް ރިކަވަރީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ހިއްސާ ކުރައްވައި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބަދަލުގެނައުމަށް މި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ރާއްޖޭގެ ހިންގުން ލާމާރުކަޒީ އުސޫލަށް ބަދަލުކޮށް މުޅި ރާއްޖެ ހިމެނޭގޮތުން، ވަކި ގިންތިއެއް، ވަކިފަންތިއެއް އިސްތިސްނާ ކުރުމެއް ނެތި ތަރައްޤީ ކުރުމުގެ ފިކުރު ސަރުކާރުން ގެންގުޅުއްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.