Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ބާސާ އަށް ކުޅުމަކީ ލިބޭ ޝަރަފެއް: ބޯޓެން

ކެވިން ޕްރިންސް ބޯޓެން

ބާސެލޯނާ އަށް ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށް، ލޯނެއްގެ ދަށުން އެ ކްލަބާ ގުޅުނު ކެވިން ޕްރިންސް ބޯޓެން ބުނެފިއެވެ.

އިޓަލީގެ ސަސުއޯލޯ އަށް ކުޅެމުން އައި ބޯޓެން ލޯނެއްގެ ދަށުން ބާސާ އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށެވެ. އަދި މި ސީޒަން ނިމުމުން އަށް މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ ފުރުސަތު ބާސާ އަށް އޮންނާނެއެވެ.

ބާސާ އަށް ބަދަލުވުމަށްފަހު އުމުރުން 31 އަހަރުގެ ބޯޓެން ބުނީ ބާސާ އަށް ބަދަލުވެވުމުން އެކަމާ އުފާކުރާ ކަމަށާއި މިއީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ބާސާ ފަދަ ކްލަބަކަށް ކުޅުމަކީ ފުޓްބޯޅަ ކުޅޭ ކޮންމެ މީހެއްގެ ވެސް ހުވަފަނެއް ކަމަށާއި އެގޮތުން އެ ހުވަފެން މިހާރު ހަގީގަތަކަށް ވެގެން ގޮސްފައިވާ ކަމަށްވެސް ބޯޓެން ބުންޏެވެ.

"އަހަރެން ކުޅޭ ގޮތާއި، އަހަރެންގެ ފެންވަރު އެންމެންނަށް ވެސް އިނގޭނެ. މި ކްލަބަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރާނަން" ބޯޓެން ބުންޏެވެ.

ބޯޓެން ބާސާ އަށް ގެނެސްފައިވަނީ އެޓީމުގެ ފޯވާޑްލައިން އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށްވާއިރު، އެޓީމުގެ ފޯވާޑުގެ މަގާމަށް މިވަގުތު ކުޅެން ހުރި ހަމައެކަނި ކުޅުންތެރިއަކީ ލުއިސް ސުއަރޭޒްއެވެ. މީގެކުރިން އެ މަގާމަށް ކުޅެން މުނީރު އަލް ހަދާދީ ހުރި ނަމަވެސް ދާދިފަހުން ބާސާ އިން ވަނީ އޭނާ ސެވިއްޔާ އަށް ވިއްކާލާފައެވެ.

ބޯޓެން އަކީ އާއްމުކޮށް ވިންގަށް އަދި މެދުތެރެއަށް ކުޅޭ ކުޅުންތެރިއަކަށްވީ ނަމަވެސް ސަސުއޯލޯގައި އޭނާ ކުޅެފައިވަނީ ފޯވާޑުގެ މަގާމަށެވެ. ސަސުއޯލޯ އަށް ބޯޓެން ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ކަމަށްވާއިރު، އޭނާ ވަނީ އެޓީމަށް ކުޅެދިން 15 މެޗުގައި ފަސް ގޯލު ކާމިޔާބުކޮށްފައެވެ.