Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

އާސެނަލްގެ ބެލެރިން އަށް ސީޒަން ނިމިއްޖެ

ހެކްޓަ ބެލެރިން - ފޮޓޯ: އެކްޝަން އިމޭޖެސް

އަނިޔާގެ ސަބަބުން އާސެނަލް އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ހެކްޓަ ބެލެރިން އަށް ސީޒަން ނިމިއްޖެއެވެ.

ބެލެރިންގެ ފަޔަށް އަނިޔާވެފައިވަނީ ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ޗެލްސީގެ މައްޗަށް 2-0 އިން އާސެނަލް އިން ކުރި ހޯދި މެޗުގައެވެ.

ބެލެރިން އަށް ލިބުނު އަނިޔާއާ ގުޅިގެން އިއްޔެ ސްކޭނެއް ހަދާފައިވާއިރު، "ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސްކޭނުން ބެލެރިންގެ ވާތުފައިގެ ކަކުލުގެ ލިގަމެންޓަށް ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެ އަނިޔާ އިން ރަނގަޅުވެ ބެލެރިން އަލުން ކުޅުމުގެ ތެރެއަށް އައުމަށް ގާތްގަނޑަށް ހަޔެއް ނުވަތަ ނުވަ މަސް ނަގާނެ ކަމަށް ވެސް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

ބީބީސީން މިގޮތަށް ރިޕޯޓުކޮށްފައިވީ ނަމަވެސް ބެލެރިން އަށް ލިބުނު އަނިޔާއާ ގުޅޭގޮތުން އާސެނަލް އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 23 އަހަރުގެ ބެލެރިން އަށް އަނިޔާވެ ސީޒަން ނިމުނުއިރު، މިދިޔަ ޑިސެމްބަރު މަހުތެރޭ ލިބުނު އަނިޔާ އިން ރަނގަޅުވެ ބެލެރިން އަލުން ކުޅުމުގެ ތެރެއަށް އައިތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. ބެލެރިން އަށް އަނިޔާވުމުން އެ މަގާމަށް ދެން އަރުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިންގްލޭންޑުގެ ޒުވާން ޑިފެންޑަރު މެއިޓްލަންޑް ނައިލްސްއެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް މި ސީޒަނުގައި އާސެނަލް އަށް ކުރިމަތިވެފައިވާއިރު، އަނިޔާގެ ސަބަބުން މީގެކުރިން އެޓީމުގެ ފޯވާޑް ޑެނީ ވެލްބެކް އަދި ޒުވާން ޑިފެންޑަރު ރޮބް ހޯލްޑިން އަށް ވެސް ވަނީ ސީޒަން ނިމިފައެވެ.