Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

އޭޝިއަން ކަޕް: އޮސްޓްރޭލިއާ އާއި ޖަޕާން ކުއާޓާ އަށް

މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް، އޮސްޓްރޭލިއާ އާއި ޖަޕާން ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާ އަށް ޖަޕާން ދަތުރުކުރީ ސައުދީ އަރަބިއްޔާއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ.

ޖަޕާނުގެ ފަރާތުން ވަރަށް ޑިފެންސިވް ގޭމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓަކެހިރޯ ޓޮމިޔަސޫއެވެ. ސައުދީން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނު ނަމަވެސް ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަޕާނަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށްވާއިރު، ކުއާޓާގައި އެޓީމު ނިކުންނާނީ ވިއެޓްނާމާ ދެކޮޅަށެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ އޮސްޓްރޭލިއާ ކުއާޓާ އަށް ދަތުރުކުރީ އުޒްބެކިސްތާނާ ބައްދަލުކޮށް ޕެނަލްޓީގައި 2-4 އިން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމު ރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ ޓީމަަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ޕެނަލްޓީގައި އޮސްޓްރޭލިއާ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ނުކުރެވުނީ އެންމެ ޕެނަލްޓީއެއް ކަމަށްވާއިރު އުޒްބެކިސްތާނުން ޖެހި ޕެނަލްޓީތަކުގެ ދެ ޕެނަލްޓީއެއް އެޓީމަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗުން މޮޅުވި ޕެނަލްޓީ އޮސްޓްރޭލިއާ ޓީމަށް ކާމިޔާބުކޮށްދިނީ މެތިއު ލެކީއެވެ.

މުބާރާތުގެ ކުއާޓާގައި އޮސްޓްރޭލިއާ ނިކުންނާނީ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށެވެ.