Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ނިހާންގެ ރުޅި އީސީއަށް: ހުރިހާ ޕާޓީތަކެއް އުވާލާ!

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތް ކުރަމުންދާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކެއް ބަލައިނުގަތް މައްސަލާގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އިލެކްޝަންސް ކޮމިޝަނަށް ރުޅިގަނޑު ބާލައިފިއެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ދާދިފަހުން ވަނީ 4000 ފޯމު ކޮމިޝަނަށް ހުށަހަޅާފައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެތެރެއިން އެ ކޮމިޝަނުން ސައްހަ ކަމަށް ކަނޑައެޅީ އެންމެ 1900 ފޯމެވެ.

ޕީއެންސީން އިތުރު ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާއިރު، ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީއެންސީން ހުށަހެޅި ފޯމުތައް ސައްހަ ނުވާނަމަ، ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފޯމުތަކެއް ވެސް ސައްހަ ނުވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ޕާޓީތަކެއް އުވާލުމަށް ނިހާން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.

ޕީއެންސީން ހުށަހެޅި ބައެއް ފޯމުތައް އީސީން ބަލައިގެންފައިނުވާއިރު، މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ޕީއެންސީން ހުށަހަޅާފައިވާ ފޯމުތަކުގައި މައްސަލަތަކެއް ހުރިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

"ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެ ބޭފުޅުންގެ ހުއްދައެއް ނެތި، އަދި އެ ބޭފުޅުންގެ އެއްވެސް ކޮންސެންޓެއް ނެތި، އެ ބޭފުޅުންގެ ނަމުގައި ފޯމުތަކެއް ފުރައިގެން ލާފައިވާ ކަމަށް. ތިމަންނަގެ ނަން އޭގައި އޮތްތޯ ނެތްތޯ ޗެކްކޮށްލަދޭން، މެސެޖުގެ ޒަރިއްޔާ އިންނާއި ފޯނުގެ ޒަރިއްޔާއިންނާއި ލިޔުމުން އަޅުގަނޑުމެންނަށް ހުށަހެޅެމުން އެބަދޭ" ޝަރީފް ވިދާޅުވިއެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އެ ޕާޓީ އުފެއްދުމަށް އީސީ އަށް ހުށަހެޅުއްވީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދޭތާ ތިން މަސް ދުވަހުގެ ތެރޭގައި 3000 މެމްބަރުން ހަމަކޮށް އީސީ އަށް ހުށަހަޅަން ޖެހޭނެއެވެ.