Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޑެލެ އަލީ މާޗު މަހުގެ ނިޔަލަށް ކުޅުމާ ދުރަށް

އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ މިޑްފީލްޑަރު ޑެލެ އަލީ، މާޗު މަހުގެ ނިޔަލަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ޑެލެ އަލީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ފުލަމްގެ މައްޗަށް 1-2 އިން ޓޮޓެންހަމް ކުރި ހޯދި މެޗުގައެވެ.

އެ އަނިޔާއާ ގުޅިގެން އިތުރު ޓެސްޓުތަކެއް ހަދާފައިވާއިރު ޓޮޓެންހަމް އިން ބުނީ އަނިޔާ އިން ރަނގަޅުވުމުގެ މަސައްކަތް އެ ކްލަބުގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ޑެލެ އަލީ ކުރިއަށްގެންދާނެ ކަމަށާއި އޭނާ އަލުން އެނބުރި ފަރިތަކުރުންތަކަށް ނިކުންނާނެ ކަމަށް ބެލެވެނީ މާޗު މަހުގެ ކުރީކޮޅު ކަމަށެވެ.

ޑެލެ އަލީ އަކީ ޓޮޓެންހަމްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއަކަށް ވާއިރު، މި އަނިޔާގެ ސަބަބުން އޭނާ އަށް އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި، ޕްރިމިއާ ލީގުގައި އާސެނަލް އާއި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބްރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ޓޮޓެންހަމް އިން ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

ޑެލެ އަލީގެ އިތުރުން ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭން ވެސް ވަނީ އަނިޔާގެ ސަބަބުން މާޗު މަހުގެ ނިޔަލަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ. މީގެއިތުރުން ލޫކަސް މޯރާ އާއި މޫސާ ސިސޯކޯ ވެސް މިވަގުތު ތިބީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.