Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް އާއްމުންގެ ހިޔާލު ހޯދަނީ

ބަންޑާރަ ނައިބް ރިއްފަތު، ފޮޓޯ: ރާއްޖެއެމްވީ

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް އާއްމުންގެ ހިޔާލު ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށްޓަކައި މިހާތަނަށް ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުން ހުށަހަޅަން ބޭނުންވާ ހިޔާލުތަކާއި ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް ކަމާބެހޭ ފަރާތްތަކާ ބަދަލުކޮށް، ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އޮފީހުން ބުންޏެވެ. މީގެއިތުރުން ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ރައީސް އޮފީހާއި ހޯމް މިނިސްޓްރީ އާއި އެލްޖީއޭ ގުޅިގެން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާފައިވާއިރު، އެ ފުރުސަތު އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވައި، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.