Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރު އިންޑިއާ އަށް

ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅުގައި، ދިފާޢީ އަދި އަސްކަރީ ދާއިރާއިން ރާއްޖެއާއި، އިންޑިއާ ސަރުކާރާއި ދެމެދު އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދު އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ.