Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޕީއެންސީ ރެޖިސްޓްރީ ނުކޮށްދޭތީ އީސީގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރަނީ

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަހުމަދު ނިހާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރާ ޕީޕާލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށް ބުނެ އެ ކޮމިޝަނުގެ ފަސް މެމްބަރުން ވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރާނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ އަދުރޭ ވިދާޅުވީ ޕީއެންސީ އުފެއްދުން ލަސްވަމުންދާ މައްސަލައިގައި އީސީގެ މެންބަރު އިސްމާއީލް ހަބީބު އަށް މިއަދު ގުޅުއްވައި ދެއްކެވި ވާހަކައިގައި، ޕާޓީ އުފައްދަން ހުއްދަ ނުދިނުން އެއީ އުސޫލީ މައްސަލައެއް ނޫން ކަމަށާއި އެއީ ޒާތީ މައްސަލައެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"ހަބީބް އެއްބަސްވެ ވަޑައިގެންނެވި މިއީ އުސޫލީ މައްސަލައެއް ނޫން ކަމަށް. މިއީ ޒާތީ މައްސަލައެއް ކަމަށް" އަދުރޭ ވިދާޅުވިއެވެ.

އަދި އެ ވާހަކަތަށް ރާއްޖޭގެ ބާރުވެރި އެއް ބޭފުޅެއް ކައިރީވެސް ހަބީބު ދައްކަވާފައިވާ ކަމަށާއި އެކަމުގެ ހެކިވެސް އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެއީ ބާރުވެރި ކޮން ބޭފުޅެއްކަމެއް އަދުރޭ ވިދާޅެއް ނުވެއެވެ.

ޕީއެންސީ ރަޖިސްޓްރީކޮށް ނުދޭ މައްސަލާގައި އީސީގެ ފަސް މެމްބަރުން ވެސް ކޮމިޓީ އަށް ހާޒިރުކުރާނެ ކަމަށާއި ކޮމެޓީއަށް ހާޒިރުކުރުމުން ހަބީބު މިއަދު ދެއްކެވި ވާހަކައަށް ދެކޮޅު ހެދެން ނޯންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މިހެންވީމަ ދެން ފަސް މެންބަރުން ކޮމެޓީގައި ޖަވާބުދާރީ ކުރުވާނަން" އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އެއްވެސް ރައްޔިތަކާމެދު ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު އަމަލުކުރުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ޕާޓީއެއް އުފައްދަން ހުށަހެޅުމުން 24 ގަޑިއިރު ނުވަނީސް ހުއްދަ ދެއްވި ކަމަށާއި ނަމަވެސް ޕީއެންސީ އުފައްދަން ބޭނުންވާ ފަސްހާސް އެއްސަތޭކަ ފޯމު ހުށަހެޅުމުން މިއަދާ ހަމައަށް ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިނުވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ދީފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ދާދިފަހުން ވަނީ 4000 ފޯމު ކޮމިޝަނަށް ހުށަހަޅާފައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެތެރެއިން އެ ކޮމިޝަނުން ސައްހަ ކަމަށް ކަނޑައެޅީ އެންމެ 1900 ފޯމެވެ.

ޕީއެންސީން އިތުރު ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާއިރު، ޕާޓީ އުފެއްދުމުގެ ހުއްދަ ދޭތާ ތިން މަސް ދުވަހުގެ ތެރޭގައި 3000 މެމްބަރުން ހަމަކޮށް އީސީ އަށް ހުށަހަޅަން ޖެހޭނެއެވެ.