Last Updated: April 19, 21:20
Friday, April 19, 2024
ޚަބަރު

ބްރިޖު އަދި ހައިވޭގައި ހަރުކުރުމަށް 77 ކެމެރާ ހޯދަނީ

ސިނަމާލެ ބްރިޖު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރުމަށް 77 ސަރވެއަލަންސް ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު mr_1797@police.gov.mv ފޮނުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 23:59 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 11:00 ގައި އިސްކަންދަރު ބިލްޑިންގ 01 ގައި ކަމަށާއި ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.