Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ދީނީ ކަންކަމުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރަން މަޝްވަރާކޮށްފި

ސޯޝަލް މީޑިއާގައި ދީނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯއްދުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ކޮމިޓީއިން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ޙައްލެއް ހޯދުމަށް އެކުވާލެއްވި މި ކޮމިޓީއިން، ރައީސް އޮފީހުގައި ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި، މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ޤާނޫނު އަސާސީއާއި އިއްތިޙާދުގެ މެނިފެސްޓޯގައި ވާފަދައިން މާތްވެގެންވާ އިސްލާމްދީނާ އެދީނުގެ ވަޙުދަތަށް ބުރޫއަރާފަދަ ކަމަކަށް އަދި އަނިޔާވެރިކަމާއި، ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދެއްވާނެކަމަށް ކޮމިޓީގެ މެމްބަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި މިހާރު އުފެދިގެން އުޅޭ ނުތަނަވަސްކަން ޙައްލުކުރުމުގައި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުގެ އިތުރުން ނެޝަނަލް ސެނޓަރ ފޮރ ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އިރުޝާދާއި އެހީތެރިކަން މިކަމުގައި ހޯއްދެވުމަށް ކޮމިޓީއިން ނިންމެވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.