Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ އަށް ދެ މެމްބަރުން އައްޔަން ކޮށްފި

ރައީސް އޮފީސް : ފޮޓޯ: ސަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އަށް އާ ދެ މެމްބަރަކު އައްޔަން ކޮށްފިއެވެ.

އެ ކޮމިޓީ އަށް އައްޔަން ކުރި ދެ މެމްބަރުންނަކީ ގަލޮޅު ނޫމަރާވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފާއި، މާފަންނު ގަސީމު ފާޠިމަތު ރަޝީދާއެވެ.

މި ދެބޭފުޅުން މި ކޮމިޓީގެ މެންބަރުކަމަށް ޢައްޔަންކޮށްފައިވަނީ އެ ކޮމިޓީގެ މެންބަރުކަމުން އައްޑޫ ސިޓީ މީދޫ، ގްރީންވިލާ ފާޠިމަތު ސާއިރާ އާއި ގަލޮޅު ދާސްތާން ނުޒްހާ ޢަލީމް އިސްތިޢުފާ ދެއްވާފައިވާތީއެވެ.

މި ދެ މެމްބަރުންގެ އިތުރުން "ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" ގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ މުޙައްމަދު މުޢިއްޒު އަދުނާން އާއި އަޙްމަދު ޠަލާލް އާއި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދުއެވެ.

މި ކޮމިޓީއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވަޢުދުފުޅުތަކާ ގުޅިގެން އުފައްދަވާފައިވާ ކޮމިޓީއެކެވެ.

މި ކޮމިޓީ އާ ހަވާލުކުރައްވާފައިވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، "ހިޔާ"، "ގެދޮރުވެރިކުރުން"، އަދި "ގުޅިފަޅު" މަޝްރޫޢާ ގުޅޭ މައްސަލަތައް ބަލައި އެކަންކަން ޙައްލުކުރަން އުސޫލުތައް ކަނޑައެޅުމާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯއާއި ހުށަހަޅާފައިވާ މަޢޫލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް ޝަރުތުފުރިހަމަނުވާ ފަރާތްތައް ސަބަބާއެކު ކަނޑައެޅުމާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން ހިމެނެއެވެ.