Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

"އަންހެނުންގެ ދައުރު ބޮޑުވާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުވުމަކީ އުއްމީދެއް"

ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީގެ ޗެއާ، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކޮށް ނިމޭއިރު ކައުންސިލްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ޢިޖުތިމާއީ މައްސަލަތަކުގައި ވިކްޓިމައިޒް ވެގެންދާ ގިނަބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ މިހާރަށް ވުރެ މައްސަލަތައް މަދު މުޖުތައެއް ހާސިލުވާނެ ކަމެއް ކަމަށެވެ.

"ރައީސް ސޯލިހުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތް ނިމޭއިރު ކައުންސިލްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވިއިރު، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން އާންމުންގެ ހިޔާލު ހޯދަން މިއަދު ވަނީ ހުޅުވާލާފައެވެ. އެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާފައިވާއިރު، އެ ފުރުސަތު އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވައި، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.