Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އިރުތިޝާމް، ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ

އިރްތިޝާމް އާދަމް

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވަން ކުރީގެ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ނިންމަވައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހެލްތް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިރުތިޝާމް ދާދިފަހުން ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވާފައެވެ.

ހެންވޭރު ދެކުނު ދާއިރާ އަށް ކުރިމަތިލައްވާނެކަން އިރުތިޝާމް އިއުލާން ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވަން އިރުތިޝާމް ނިންމެވިއިރު، އެ ދާއިރާގެ މެމްބަރު ކަމުގައި މިވަގުތު ހުންނެވީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ރުކުމާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ރުކުމާއާ ވާދަކޮށް އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވީ ވިޔަފާރިވެރިޔާ ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ.

އިރުތިޝާމްގެ އިތުރުން ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވެސް ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ. އޭނާ ވާދަކުރައްވާނީ ގަލޮޅު ދެކުނު ދާއިރާ އަށެވެ.