Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ޕީއެސްޖީ އަށް ނޫނެކޭ ބުނެ ޑި ޔޮން ބާސާ އަށް 

ފްރާންސްގެ ޕީއެސްޖީ އަށް ނޫނެކޭ ބުނެ އަޔެކްސް އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޒުވާން ހުނަރުވެރި މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ސްޕެއިންގެ ގަދަބާރު ބާސެލޯނާ އަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ޑި ޔޮން ބާސާ އަށް ސޮއިކޮށްފައިވަނީ 65 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާސާ އަށް މިއަދު ސޮއިކުރި ނަމަވެސް ޑި ޔޮން ރަސްމީކޮށް އެ ކްލަބާ ގުޅޭނީ މި ސީޒަނަށްފަހުއެވެ.

ޑި ޔޮން ހޯދަން ބާސާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީއެސްޖީން ކަމަށްވާއިރު، މިދިޔަ ހަފްތާގައި ޕީއެސްޖީގެ އިސްވެރިންގެ ޓީމެއް ޑި ޔޮން އާއެކު ބައްދަލުވުމެއް ވެސް ބޭއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ބައްދަލުވުމާއެކު ޑި ޔޮން ޕީއެސްޖީ އަށް ދާނެ ކަމަށް ބެލެވުނުއިރު، މިދިޔަ ބުރާސްފަތި ދުވަހު ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ އާއި ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް ވަނީ ޑި ޔޮންއާ ބައްދަލުކޮށް، އޭނާ ގެނައުމަށް ޕީއެސްޖީން ހުށަހެޅި ވަރަށް ވުރެ ބޮޑު އަގެއް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

ޑި ޔޮން އޭނާގެ ކުރިމަގާ މެދު އިއްޔެގެ ވަގުތެއްގައި ގޮތެއް ނިންމިއިރު، މި ޓްރާންސްފާ މުޅިން ފުރިހަމަކޮށްފައިވަނީ ޑި ޔޮން އަދި އަޔެކްސް އާއެކު ބާސާގެ އިސްވެރިންގެ ޓީމަކުން މިއަދު ނެދަލޭންޑްސްގައި ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

2015 ވަނަ އަހަރު އަޔެކްސްއާ ގުޅުނު ޑި ޔޮން އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އުއްމީދީ އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަޔެކްސް އަށް 65 މެޗު ޑި ޔޮން ކުޅެދީފައިވާއިރު، އޭނާ ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް ފަސް މެޗު ކުޅެދީފައެވެ.