Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އަލްހާންގެ ވަރުގަދަ އިންޒާރެއް އެމްޑީޕީ އަށް

ފޭދޫ ދާއިރާގެ ކުރީގެ މެންބަރ އަލްހާން ފަހުމީ

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީން ހަގީގަތުގައި ކުރަން އުޅޭ ކަންތައްތައް ހާމަކުރަންޖެހިދާނެ ކަމުގެ އިންޒާރު ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެމްޑީޕީ އަށް ދެއްވައިފިއެވެ.

"އެޖެންޑާ 19" ގެ ނަމުގައި އަންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުންތަކެއް ހުށަހަޅަން އެމްޑީޕީން ނިންމާފައިވާއިރު އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވެގެން ގޮސްފައި ވަނީ ޝަރުއީ ނިޒާމް އިސްލާހު ކުރަން އެ ޕާޓީން ހުށަހަޅާފައިވާ ކަންތައްތަކަށެވެ.

އެގޮތުން ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސްޕްރީމް ކޯޓަށް ލިބިފައިވާ ބާރުތައް ހަނިކޮށް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަށް ދޭން ޖެހޭ ބާރުތައް އިތުރުކުރުމަށް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީގެ އެ ހުށަހެޅުންތައް ދިފާއުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އަލްހާން މިއަދު ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާ ކޮންޓްރޯލް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ މިންވަރު އީވާ އަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެ ކަންކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެކަން ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

މީގެއިތުރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީން ހަގީގަތުގައި ކުރަން އުޅޭ ކަންތައްތައް ވެސް ހާމަކުރަން ޖެހިދާނެ ކަމަށާއި އެމްޑީޕީން ބޭނުންވަނީ އެ ފަރާތްތަކަށް ކަމުދާ ބަޔަކު ކޯޓުތަކަށް އައްޔަން ކުރަން ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

"މި ކަންކަން ހާމަކުރާނަން ވަރަށް އަވަހަށް. މަޑުކޮށްލާ" އަލްހާން ވިދާޅުވެފައިވެއެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ކަންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވެސް އިއްޔެ ވަނީ ފާޑު ވިދާޅުވެފައެވެ.

ނަމަވެސް ޖަމީލުގެ ވާހަކަތަކަށް ކުރީގެ ރައީސް ނަޝީދު މިއަދު ރައްދު ދެއްވިއިރު، ނަޝީދު ވަނީ ޝަރުއީ ނިޒާމް އިސްލާހު ކުރުމުގައި ދެން އޮތް އެހެން ގޮތަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ޖަމީލުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެޖެންޑާ 19 ތައްޔާރުކޮށްފައި ވަނީ ވޭތުވެދިޔަ 15 އަހަރު ކޮށްފައިވާ ތަޖުރިބާއިން ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވިއެވެ.