Last Updated: April 16, 15:58
Tuesday, April 16, 2024
ޚަބަރު

ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު -- ފޮޓޯ: މުހައްމަދު ޝަރުހާން (ރާއްޖެއެމްވީ)

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ގޭބަންދަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސް އިން މިކަން ޔަގީންކޮށްދިން ނަމަވެސް ޒިޔަތު ގޭ ބަންދަށް ބަދަލުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި ޒިޔަތު ހައްޔަރުކުރިއިރު އެ މައްސަލާގައި އޭނާގެ މައްޗަށް 30 ދައުވާއެއް ކޮށްފައި ވެއެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާއިރު ޒިޔަތު މިހާރުވެސް ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޒިޔަތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް ބޭފުޅަކަށްވާއިރު، ތަފާތު އެކި މައްސަލަތަކުގައި އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްކަމަށް ބުނެ އޭނާ ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އަދީބުގެ އާއިލާ އިން އަންނަނީ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.