Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ފެންވަރު ދައްކާލުމަށްފަހު ޔުނައިޓެޑް ހަތަރުވަނަ އަށް

ފުލަމްގެ މައްޗަށް 3-0 އިން ކުރި ހޯދާ ޕްރިމިއާ ލީގުގެ ހަތަރުވަނަ އަށް މެންޗެސްޓަރ ޔުނައިޓެޑް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ޔުނައިޓެޑް މިހާރު އޮތީ 51 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގައި މާދަމާ ރޭ ކުޅޭ މެޗުން ޗެލްސީ މޮޅުވެއްޖެނަމަ ލީގުގެ ހަތަރުވަނަ މަގާމު އެޓީމަށް އަނެއްކާވެސް ލިބޭނެއެވެ. ޗެލްސީ މިހާރު އޮތީ 50 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ. މިރޭގެ މެޗުން ބަލިވި ފުލަމް އޮތީ 17 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕޯލް ޕޮގްބާއެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މި ދެ ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ޔުނައިޓެޑުން ވަނީ ފުލަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޕޮގްބާ ވަނީ ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ޕޮގްބާ ލީގުގައި ކާމިޔާބުކުރި 11 ވަނަ ގޯލެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ފުލަމްގެ ފަރާތުން ދަށް ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، ޔުނައިޓެޑްގެ ގޯލަށް މާބޮޑު ނުރައްކަލެއް އެޓީމަށް ކުރެވިފައެއް ނުވެއެވެ.

ޔުނައިޓެޑް ލީގުގެ ހަތަރުވަނަ އަށް އަރާފައިވާއިރު، މިއީ އެޓީމުގެ ކޯޗުކަމާ ސޮލްޝާ ހަވާލުވިފަހުން ކުޅުނު 11 ވަނަ މެޗުގެ ތެރެއިން މޮޅުވި 10 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. ސޮލްޝާގެ އިރުޝާދުގެ ދަށުން ކުޅެ ޔުނައިޓެޑް އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.