Last Updated: April 23, 14:49
Tuesday, April 23, 2024
ކުޅިވަރު

ޔުނައިޓެޑާ ދެކޮޅަށް ކަވާނީ އަށް ނުކުޅެވުމުގެ ބިރު ބޮޑުވެއްޖެ

އެޑިންސަން ކަވާނީ

އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންނަ އަންގާރަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީ އަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

ކަވާނީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ފްރެންޗް ލީގުގައި ރޭ ބޯޑޯއާ ދެކޮޅަށް ކުޅެ 1-0 އިން ޕީއެސްޖީ މޮޅުވި މެޗުގައެވެ. ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ހަމައެކަނި ގޯލު ވެސް ކާމިޔާބުކޮށްދިނީ ކަވާނީއެވެ. ނަމަވެސް އަނިޔާގެ ސަބަބުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭނާ ވަނީ ދަނޑުން ފައިބައިގެން ގޮސްފައެވެ. ކަވާނީގެ ބަދަލުގައި ދެވަނަ ހާފްގައި ކުޅެން އެރީ ކިލިއަން އެމްބާޕޭއެވެ.

ކަވާނީ އަށް ލިބުނު އަނިޔާއާ ގުޅިގެން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ކަވާނީއާ ގުޅޭގޮތުން ރަނގަޅު ހަބަރެއް ނެތް ކަމަށާއި އެއްޗެއް ބުނަން އެނގޭނީ އިތުރު ޓެސްޓުތަކަށްފަހު ކަމަށެވެ.

"އަހަންނަކަށް ނޭނގޭ ކަވާނީ އަށް އެ މެޗުގައި ކުޅެވޭނެ ކަމެއް. ކަންބޮޑުވާ ކަމެއް އެއީ. އިތުރު ކަވާނީ އެއް އަހަރުމެން ޓީމުގައެއް ނެތް" ޔުނައިޓެޑް މެޗުގައި ކަވާނީ ފެނިދާނެތޯ ސުވާލުކުރުމުން ޓުޗެލް ބުންޏެވެ.

ޔުނައިޓެޑާ ދެކޮޅަށް ކަވާނީ އަށް ނުކުޅެވިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އަނިޔާގެ ސަބަބުން އެ މެޗުގައި ޕީއެސްޖީގެ ފޯވާޑް ނޭމާ އަށް ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. ނަމަވެސް އަނިޔާ އިން ރަނގަޅުވެ ރޭގެ މެޗުގައި ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.