Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

ހުއްދަ ނެތި ޕާޓީތަކުގެ ކުލަ ބޭނުން ކުރުމަކީ ގާނޫނީ ކުށެއް: އީސީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް - ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީއެއްގެ ހުއްދަ ނެތި އެޕާޓީއެއްގެ ކުލަ، އެއްވެސް ފަރާތަކުން ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕާޓީއެއްގެ ހުއްދަ ނެތި ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެކި ސިޔާސީ ޕާޓީތަކުގެ ކުލަ އޭނާގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ބޭނުން ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އަލްހާންގެ އެންމެ ފަހުގެ ކެމްޕޭން ޕޯސްޓަރު ރީނދޫ ކުލައިން ފަރުމާ ކޮށްފައިވާއިރު އޭނާ ވިދާޅުވީ ކުލައަކީ އޭނާއަށް މައްސަލައެއް ނޫން ކަމަށެވެ. ތަފާތު ހަތަރު ސިޔާސީ ޕާޓީއާ ގުޅިފައިވާ އަލްހާން ވިދާޅުވީ އޭނާ އެދެނީ ވަކި ޕާޓީއެއްގެ މެމްބަރުން ވޯޓު ދިނުމަށް ނޫން ކަމަށާއި ހުރިހާ ރައްޔިތުން އޭނާއަށް ވޯޓު ދިނުމަށް ކަމަށެވެ.

އަލްހާން 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި ނަމަވެސް 2014 ވަނަ އަހަރުގެ އިންތިޚާބުން ފޭދޫ ދާއިރާއިން އަލްހާން ވަނީ ބޮޑު ތަފާތަކުން ނާކާމިޔާބުވެފައެވެ.

ނިމިގެން ދިޔަ ފަސް އަހަރު ތެރޭ އެކި ޕާޓީތަކުން ފެނިގެން ދިޔަ އަލްހާން ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީނަށް ތާއީދުކުރުމަށް ފަހު އިންތިޚާބުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވުމާއެކު ޔާމީން ފަޅިން ދުރުވެ އިދިކޮޅާ ގުޅި، ޖޭޕީއަށް ސޮއިކުރިއެވެ.

ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި އަލްހާން މިފަހަރު ވާދަކުރައްވާނީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާ އަށެވެ.