Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު

"އިންތިހާބުގެ ކުރިން އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރަންޖެހޭ"

އަބްދުﷲ ރިޔާޒު - ފޮޓޯ: އައްޑޫ ލައިވް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މެންބަރުން ތިބިތަނަކަށް ހަދަން ބޭނުންނަމަ އިންތިހާބުގެ ކުރިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

ރިޔާޒު މިހެން ވިދާޅުވިއިރު އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާވި މަޖިލިސް މެމްބަރުންނާއި ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި ބޮޑު މުޒާހަރާއެއް މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަ ކަން އިއުލާން ކޮށްފައިވަނީ އޭޖީ އޮފީހުގެ ކުރީގެ ސްޓޭޓް ކައުންސެލް މަރިޔަމް ޝުނާނާއެވެ.

ޖުމުލަ 155 މީހުންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން އެކި މިންވަރުން ޖަމާވެފައިވާ ކަމަށް އޭސީސީން ބުނެފައިވި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. ފައިސާ ނެގި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ މަޖިލިސް ތަމްސީލު ކުރެއްވި ބޮޑު އަޣުލަބިއްޔަތެއް ހިމެނޭ ކަމަށް އަޑު ފެތުރިފައިވެއެވެ.

18 ވަނަ މަޖިލީހުގައި ތިއްބެވި ވަރަށް ގިނަ މެމްބަރުން އަންނަން އޮތް މަޖިލީހަށް ވެސް ކުރިމަތިލާފައިވާއިރު ޚިޔާނާތުގެ ފައިސާ ނެގި ފަރާތްތައް ހާމަކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.