Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

އެމްޑީޕީގެ 10 ކެންޑިޑޭޓެއްގެ ފޯމު އަނބުރާ ފޮނުވާލައިފި

ރައީސް ސޯލިހާއެކު އެމްޑީޕީ ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި 10 ކެންޑިޑޭޓެއްގެ ފޯމު ބަލައިނުގަނެ އެ ޕާޓީ އަށް އަނބުރާ ފޮނުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރުމަށް ނިންމާފައިވާއިރު، އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޑީޕީން ހުށަހެޅި ފޯމުތަކުގެ ތެރެއިން 10 ކެންޑިޑޭޓެއްގެ ފޯމު އަނބުރާ ފޮނުވާލީ ހުށަހަޅަންޖެހޭ ބައެއް ޑޮކިއުމެންޓުތައް މަދުވުމުން ކަމަށެވެ. ނަމަވެސް ބާކީ ދެން ހުށަހެޅި ފޯމުތައް ބަލައިގެންފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ގާނޫނުގައި މި އޮންނާނީ ފޯމު ހުށަހަޅާތާ 48 ގަޑިއިރުތެރޭ ޖަވާބު ދޭންޖެހޭނެ ކަމަށް. 48 ގަޑިއިރުތެރޭ އަޅުގަނޑުމެން ވާނީ އެމްޑީޕީ އަށް އަންގާފައި ޑޮކިއުމެންޓުތައް މަދު ކަމަށް. އެހެންވީމަ އެ ޑޮކިއުމެންޓުތަކާ އެކު އެ 10 ފޯމު އަލުން އަނބުރާ ހުށަހަޅާށޭ" އަކްރަމް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީ އަކުން އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައެއް ނުވެއެވެ.

އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.