Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޕައިލެޓު ހޯދުމަށް އެމްބާޕޭ 27،000 ޕައުންޑު ހަދިޔާކޮށްފި

ފްރާންސްގެ ނޯންޓްސް އިން ވޭލްސްގެ ކާޑިފަށް ދަތުރުކުރަނިކޮށް ވެއްޓުނު ފްލައިޓުގެ ކެޕްޓަން ޑޭވިޑް އައިބޮޓްސަން ހޯދުމަށް އޭނާގެ އާއިލާ އިން ކުރަމުންދާ މަސައްކަތަށް ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ 27،000 ޕައުންޑު ހަދިޔާކޮށްފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެރޭ ވެއްޓުނު އެ ފްލައިޓުން އައިބޮޓްސަން އާއެކު ކާޑިފް އަށް ދާދިފަހުން ސޮއިކުރި އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ވެސް ދަތުރުކުރިއެވެ. އެމީހުންގެ ދަތުރުކުރި ފްލައިޓާއި އަދި ސަލާގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް އައިބޮޓްސަން އަދި ފެނިފައިނުވާއިރު އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.

އެމީހުން ހޯދުމުގެ މަސައްކަތް މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ހުއްޓާލިއިރު، ސަލާ ހޯދުމަށް މަސައްކަތް އަލުން ފެށީ ގޯފަންޑްމީ ވެބްސައިޓްގައި ހުޅުވި އޮންލައިން ފަންޑެއް މެދުވެރިކޮށް އަމިއްލަ ކުންފުންޏަކާ ގުޅިގެންނެވެ. އެގޮތުން އައިބޮޓްސަންގެ އާއިލާ އިން ވެސް މިހާރު ވަނީ އޭނާ ހޯދުމަށް އެފަދަ ފަންޑެއް ހުޅުވާފައެވެ.

އެ ފަންޑަށް އެމްބާޕޭ 27،000 ޕައުންޑު މިއަދު ހަދިޔާކޮށްފައިވާއިރު، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ގެރީ ލިނެކާ ވަނީ 1000 ޕައުންޑު ހަދިޔާކޮށްފައެވެ. އައިބޮޓްސަންގެ އާއިލާ އިން މަސައްކަތް ކުރަމުންދަނީ ޖުމްލަ 300،000 ޕައުންޑު އެ ފަންޑަށް ހޯދުމަށެވެ.

އައިބޮޓްސަންގެ އާއިލާއިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އެންގުމުން އާއިލާ އިތުރު ހިތާމަވެރިކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށާއި އޭނާ އަނބުރާ ގެއަށް ގެންނަން ބޭނުންވާ ކަމަށެވެ.

"ފްލައިޓު ވެއްޓުނު ސަރަހައްދުގައި އައިބޮޓްސަން އެކަނި އޮތުމަކީ އަހަރުމެންގެ ހިޔާލަށް ގެންނަން ބޭނުންވާ ކަމެއް ވެސް ނޫން. އަހަރުމެން ބޭނުންވަނީ އޭނާ ގެއަށް ގެންނަން. އޭރުން އަހަރުމެންނަށް އޭނާގެ ޖަނާޒާގެ ކަންކަން ވެސް ކުރިއަށް ގެންދެވޭނީ" އާއިލާ އިން ބުންޏެވެ.