Last Updated: March 29, 02:52
Thursday, March 28, 2024
ކުޅިވަރު

ސިޓީ އިން ޗެލްސީ ހަމަބިމަށް ތިރިކޮށްފި

ސާޖިއޯ އަގުއެރޯ

ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު 0-6 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

މިރޭގެ މޮޅާއެކު 65 ޕޮއިންޓާ އެކު ލީގުގެ އެއްވަނަ އަށް އަނެއްކާވެސް ސިޓީ މިހާރު ވަނީ އަރާފައެވެ. ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މީގެއިތުރުން ސިޓީން ވަނީ ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ވެސް ކުޅެފައެވެ. މިރޭގެ މެޗުން ބަލިވި ޗެލްސީ މިހާރު އޮތީ 50 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ބަނާޑޯ ސިލްވާ ދިން ޕާހަކުން މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. އަދި މެޗުގެ 13 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ހިތްގައިމު ގޯލަކާ އެކު ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަގުއެރޯ މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އަދި މެޗުގެ 19 ވަނަ މިނެޓްގައި ސިޓީގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އަގުއެރޯ ކަމަށްވާއިރު އޭގެ ހަ މިނެޓްފަހުން ގުންޑޮގާން ވަނީ ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފްގެ ފަހު 15 މިނެޓްގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ހަތަރު ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ދެވަނަ ހާފްގައި ވެސް އެޓީމުން ދިޔައީ އިތުރު ގޯލުތަކެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 56 ވަނަ މިނެޓްގައި ސިޓީ އަށް ލިބުނު ޕެނަލްޓީއަކުން އަގުއެރޯ ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ އާޖެންޓީނާ އަށް އުފަން އަގުއެރޯ ޕްރިމިއާ ލީގުގައި ހެދި 11 ވަނަ ހެޓްރިކު ވެސް މެއެވެ.

އަދި މެޗުގެ 80 ވަނަ މިނެޓްގައި ސިޓީގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ސްޓާލިންއެވެ.

ހަ ގޯލުގެ ތަފާތަކުން ޗެލްސީ މިރޭ ބަލިވިއިރު، މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެޓީމު ކޮޅަށް ހަ ގޯލު ވަތް ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ. ޗެލްސީ ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.