Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ޔުވެންޓަސް އިން 11 ޕޮއިންޓުގެ ލީޑެއް ނަގައިފި

ސަސުއޯލޯގެ މައްޗަށް 3-0 އިން ކުރި ހޯދާ، އިޓާލިއަން ލީގުގެ އެއްވަނައިގައި ޔުވެންޓަސް އިން 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް މިހާރު އޮތީ 63 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 52 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި 43 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާންއެވެ. އަދި 39 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައި އޮތީ އޭސީ މިލާނެވެ.

ސަސުއޯލޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޔުވެންޓަސް އަށް މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސެމީ ކެދީރާއެވެ. އަދި ޔުވެންޓަސްގެ ދެވަނަ ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެމްރޭ ޗޭންއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ގޯލެއް ފެނިގެން ގޮސްފައިވާއިރު، މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 18 ވަނަ ގޯލެވެ. އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި ވެސް އޮތީ ރޮނާލްޑޯއެވެ.

ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ޔުވެންޓަސް އިން ނެގިއިރު، ފާއިތުވި ހަތް އަހަރު ވެސް އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިންނެވެ.

ޔުވެންޓަސް ދެން ބައްދަލުކުރާނީ ލީގުގެ 19 ވަނައިގައި އޮތް ފްރޮސިނޯނޭއާ ދެކޮޅަށެވެ.