Last Updated: March 29, 16:28
Friday, March 29, 2024
ކުޅިވަރު

ބިލްްބާއޯއާ އެއްވަރުވެ ބާސާއަށް ހަ ޕޮއިންޓުގެ ލީޑެއް

ލިއޮނަލް މެސީ

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އެތްލެޓިކް ބިލްބާއޯއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ބާސެލޯނާ އިން ނަގައިފިއެވެ.

ލީގުގެ އެއްވަނައިގައި 51 ޕޮއިންޓާ އެކު ބާސާ އޮތްއިރު ދެވަނައިގައި 45 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. އަދި ތިންވަނައިގައި 44 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.

ބާސާ އަށް ވުރެ ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ބިލްބާއޯ އިން ދެއްކިއިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ތަނަވަސްކޮށްފައިވަނީ އެޓީމުންނެވެ. އެގޮތުން ބިލްބާއޯގެ ސުސައޭޓާ އާއި ރައުލް ގާސިއާ އަދި އިނާކީ ވިލިއަމްސް  ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބާސާގެ ކީޕަރު ސްޓޭގަންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ރޭގެ މެޗުގައި ގޯލެއް ކާމިޔާބުކުރަން ބާސާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށެވެ. ނަމަވެސް މެސީ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ. ރޭގެ މެޗުގެ ފަހު މިނެޓްގައި ބިލްބާއޯގެ ޑެ މާކޮސް އަށް ދެއްކި ރަތްކާޑާ އެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.

ރޭގެ މެޗު އެއްވަރުވިއިރު މިއީ ލީގުގައި ބާސާ ޖެހިޖެހިގެން އެއްވަރުވި ދެވަނަ މެޗެވެ. އެގޮތުން ލީގުގައި އެންމެފަހުން ވެލެންސިޔާއާ ދެކޮޅަށް ބާސާ އިން ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ރެއާލް ވަޔަޑޮލިޑްއާއެވެ.