Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އަނބުރާ ފޮނުވާލި އެމްޑީޕީގެ 10 ފޯމު މާދަމާ އަލުން ހުށަހަޅަނީ

އަފްޝަން ލަތީފް - ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ފޯމުތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް 10 ކެންޑިޑޭޓެއްގެ ފޯމު މާދަމާ އަލުން ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރުމަށް ނިންމާފައިވާއިރު، އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ.

އިލެކްޝަން ކޮމިޝަނުން އެމްޑީޕީގެ އެ 10 ކެންޑިޑޭޓުންގެ ފޯމް ބަލައިނުގަތުމަށް ނިންމީ ހުށަހަޅަންޖެހޭ ބައެއް ޑޮކިއުމެންޓުތައް މަދުވުމުންނެވެ. ނަމަވެސް ބާކީ ދެން ހުށަހެޅި ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އެ ފޯމުތަކުގެ މައުލޫމާތު ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެންމެ ލަސްވެގެން އެ ފޯމްތައް މާދަމާ އިލެކްޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވީހާވެސް އަވަހަކަށް، މައުލޫމާތުތައް ފުރިހަމަ ވެއްޖެނަމަ މިއަދުވެސް ހުށަހަޅާނަން. އެންމެ ލަސްވެގެން މާދަމާއަށް މި ބަލަނީ ފޯމްތައް ހުށަހެޅޭނެ ކަމަށް" އަފްޝަން ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީ އަކުން އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައެއް ނުވެއެވެ.

އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.