Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ޔާމީނަށް ދައުވާކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް އެޅޭ ފިޔަވަޅެއް: ޓްރާންސްޕޭރެންސީ

އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކުރަން ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަކީ ކޮރަޕްޝަން ނައްތާލުމަށް ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ގިނަ ބައެއްގެ ބައިވެރިވުމާއި، ގިނަބަޔަކަށް މި ފައިސާގެ މުއާމަލާތްތަކުގެ މަންފާކޮށްފައިވާ ޖަރީމާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މިކަމަކީ ދައުލަތުގެ މުއައްސަސާތަކާއި، މިފައިސާތައް ހިފައިގެން ބެހިކަމަށް އިއުތިރާފްވެފައިވާ މަޖިލީހުގެ މެމްބަރުންނާއި، ބޭންކްތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އެމް.އެމް.ޕީ.އާރް.ސީ ގެ ބޯޑު މެމްބަރުންގެ ވެސް ބައިވެރިވުން ނުވަތަ އިހުމާލުނެތި
ހިންގިދާނެ ކޮރަޕްޝަންގެ އަމަލެއް ކަމަށް ނުދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އެމް. އެމް.ޕީ.އާރް.ސީ ގެ ކޮރަޕްޝަންގެ އަމަލަކީ ގާނޫނުތަކާއި އިޖުރާއަތްތަކުން އެކަމަށް މަގުފަހި ކޮށްދީގެން، ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކާއި، އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސްއާއި އެމް.އެމް.ޕީ.އާރް.ސީގެ ބޯޑުގެ
އިހުމާލާއެކު ހިންގާފައިވާ އަމަލެއްކަން މިހާތަނަށް ފެންނަން ހުރި ހެކިތަކުން ސާބިތުވެއެވެ" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މުއައްސަސާތަކާއި، ބޭންކްތައް ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި މިކަމުގައި ކުށްވެރިވެގެން ގޮސްފައިވަނީ މި ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލުމުގައި އެންމެ އިސް ދައުރެއް ބީއެމްއެލްގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން އެތައް ބަޔަކަށް މަންފާތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން އަމިއްލަށް ކުންފުންޏެއް މެދުވެރިކޮށް ކޮރަޕްޝަންގެ 1.4 ބިލއަން ރުފިޔާ ވަކިވަކި 155 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ 155 އެކައުންޓުގެ ތަފްސީލު މިހާތަނަށް ވެސް އާންމު ކުރެވިފައި ނުވުމަކީ މިކަމުގައި ޝާމިލްވާ އެހެން ފަރާތްތަށް ގާނޫނުގެ ކުރިމައްޗަށް ގެނައުމުގައި އޮތް ހުރަހެއް ކަމަށްވެސް ޓްރާންސްޕޭރޭންސީން ބުނެއެވެ.

އަދި ކޮރަޕްޝަން ހުއްޓުވުމަށް ހަގީގަތުގައިވެސް ބޭނުންވާނަމަ، ކޮރަޕްޝަންގެ އަމަލުތައް ހިންގާފަރާތްތަކާއި، އެކަމަށް ވާގިވެރިވާ ފަރާތްތަކާއި، އެކަމުން މަންފާ ހޯދާ ފަރާތްތަކާއި، އެފަދަ ކަންކަން ހިންގަމުންދާކަން އެނގިތިބެވެސް އެކަމަށް ބީރު ކަންފަތެއް ދޭ މީހުން ވެސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެއެވެ.